ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލައި، އެ ތަންތަނުގެ އިސްވެރިން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާގެ އަތްދަށަށް ގެންދިއުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
ޝިފާޒު ވިދާޅުވީ މިފަދަ ބަދަލުތައް ގާނޫނަށް ގެނައުމަށް ބަންޑާރަ ނައިބު ރުހުން ނުދޭނަމަ މިކަން ނުވާނެ ކަމަށެވެ. އަދި މިހާރު މަޖިލީހުގައި ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް އިރު، މިހާރު އޮތް ނިޒާމު ބަދަލު ނުކޮށް ވެސް ރައީސަށް ބޭނުންވާ ބަޔަކު ކޮމިޝަންތަކަށް އައްޔަންކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ބަދަލުތަކާ ދެކޮޅަށް އިދިކޮޅުން ވަނީ މުޒާހަރާ ވެސް ރާވާފައެވެ. އަދި ސޯޝަލް މީޑިއާގައި އިދިކޮޅުން އަންނަނީ މިއީ ޑިމޮކްރަސީގައި ރާއްޖެއިން ފަހަތަށް އަޅާ ފިޔަވަޅެއް ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔަން ފަށައިފަ އެވެ.