ނައިބު ރައީސް މިފަދައިން ވިދާޅުވީ މީޑިއާ ކައުންސިލްގެ 11 ވަނަ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވަނީ ނޫސްވެރިންނަކީ މުޖުތަމައުގައި އަގުހުރި މުހިންމު މަސައްކަތެއް ކުރަމުން އަންނަ ހިތްވަރުގަދަ ބައެއްކަން ފާހަގަ ކުރައްވާފަ އެވެ.
މީގެ އިތުރުން މުޖުތަމައަށް އެކި ކަހަލަ މައުލޫމާތު ފޯރުކޮށްދީ، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމުގެ އިތުރުން ސުލޫކީ ސިފަތަކުން ޒީނަތްތެރިވެފައިވާ މުޖްތަމައެއް ބިނާކުރުމަށް އެންމެ ބުރަ އެންމެ ބޮޑު މަސައްކަތެއް ކުރާ ބަޔަކީ ނޫސްވެރިންކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ސަރުކާރުން އިންތިހާއަށް ފަހިކޮށްދީފައިވާއިރު ރާއްޖޭގެ ނޫސްވެރިން ހާސިލްކޮށްފައިވާ ކުރިއެރުންތަކާއި ކާމިޔާބީތައް ގިނަކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ ނޫސްވެރިކަމަށް ފަހި ޒަމާނަކަށް ވާއިރު މި މަސައްކަތުގައި ޒުވާނުން ތިބުމަކީ ވަރަށް ބޮޑު އުފަލެއް އަދި ގައުމުގެ ފަހި މުސްތަގުބަލަށް މުހިއްމު ސިގްނަލެއް ކަމަށެވެ. އޭގެ އިތުރަށް ކޮލެޖުތަކުން ކިޔަވާ ދަރިވަރުންގެ ތެރެއިން ގާބިލް މީހުން ނޫސްވެރިކަމަށް ޝައުގުވެރިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ނައިބުރައީސް ވަނީ ހަބަރާއި މައުލޫމާތު ފެތުރުމުގައި ނޫސްވެރިން ސަމާލުކަން ދޭންޖެހޭކަމަށް ވިދާޅުވެ، ސައްހަ މައުލޫމާތު ފޯރުކޮށްދިނުމާއި ހައްސާސް ކަންތައްތަކުގައި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށާއި އިންސާނީ ކަރަމާތް ގެއްލޭ ގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަށް ނޫސްވެރިންނަށް އިލްތިމާސް ކުރައްވާފަ އެވެ.
އެ މަނިކުފާނު ވަނީ ހަބަރާއި މައުލޫމާތު ފެތުރުމުގައި ގެންގުޅެންޖެހޭ ހަމަތަކާއި އުސޫލުތައް މީޒާންކޮށް، ޒިންމާދާރުކަމާއި ތެދުވެރިކަމާއެކު ޒިންމާ އަދާކުރުމަށް ހުރިހާ ނޫސްވެރިންނަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
އުމަރު ޒާހިރު އޮފީސް ބިލްޑިންގުގައި ބޭއްވި ހަފުލާގައި އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ހަވާލުކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.