މެދުރާއްޖޭގެ ސަރަހައްދު ތަކުން މުރަކަ ހުދުވާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް އެ މަރުކަޒުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
މިކަން ފާހަގަ ކުރެވިއްޖެނަމަ އެމަރުކަޒުން ޝާއިއުކޮށްފައިވާ ފޯމެއް ފުރިހަމަ ކުރުމަށްފަހު ހުށައެޅުމަށް އެދޭކަމަށް އެމަރުކަޒުން އެދިފައިވެއެވެ.
ކުރިއަށް އޮތް ހަތަރު ހަފުތާ ތެރޭ ރާއްޖޭގައި މުރަކަ ހުދުވުމުގެ މައްސަލަ ގޯސްވެ އެލާޓް ލެވެލް 1 އަކަށް އަރާފާނެ ކަމަށް އެމެރިކާގެ ނެޝަނަލް އޯޝަނިކް އެޓްމޮސްފެޔާ އެޑްމިނިސްޓްރޭޝަން އިން ސެޓަލައިޓު މައުލޫމާތު ބޭނުންކޮށްގެން ހަދާ އަންދާޒާތަކުން ދައްކައެވެ.
މިހާރު ރާއްޖޭގެ ބޮޑުބައެއް "ވޮޗް" ލެވެލް (ރީނދޫ) އޮތް ނަމަވެސް މެދުރާއްޖެ ތެރޭގެ ބައެއް ހިސާބުތައް ވަނީ "ވާނިން" ލެވެލް (އޮރެންޖު) އަށް އަރާފައެވެ.
މެރިން ރިސާޖް އިންސްޓިޓިޔުޓްގެ ސީނިއާ ރިސާޗް އޮފިސަރެއް ކަމަށްވާ ނިޒާމް އިބްރާހިމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އެކޭ އެއްފަދައިން ރާއްޖެ ފަދަ ފަރުތަކަށް ބަރޯސާވާ ގައުމަކަށް މިއީވެސް ބޮޑު އެމަޖެންސީއެއްކަމަށެވެ.
މުރަކަ ހުދުވުމަކީ ކަނޑުގެ ފެންގަނޑު ހޫނުވުމުގެ ސަބަބުން މުރަކަތަކުގެ "އަލްގޭ" އޭގެން ނިކުންނާތީ ދިމާވާކަމެކެވެ. މިހެންވުމުން މުރަކައެއް މަރުވުން ވަރަށް ގާތެވެ.
ކޮންމެ އަހަރެއްގެ ވެސް މާޗް އިން ފެށިގެން މިއަންނަ މަސްތަކަކީ ރާއްޖެއަށް އާންމުކޮށް ހޫނުގަދަ ދުވަސްތަކެކެވެ.