އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ރާއްޖޭގެ މުޅި ތާރީހުގައި ވެސް ބޯހިޔާވަހިކަމަށް އެންމެ ބޮޑު އަދަދެއް ހިމަނާފައިވާ ބަޖެޓު ކަމަށް އޭނާ ވިދާޅުވި އެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ރައްޔިތުންގެ ވަރަށް ބޮޑެތި ތަކުލީފުތަކަކަށް ނިމުން އަންނާނެ ބަޖެޓެއް ކަމަށެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ގެދޮރު ބިނާކުރުމުގެ މަޝްރޫއުތައް ހިންގުމަށް 1.5 ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ފަސް ޕަސަންޓަށްވުރެ ކުޑަ އިންޓަރެސްޓް ރޭޓުގައި ދެ ބިލިއަނާއި ހަތަރު ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ގެދޮރުވެރިކަމުގެ ލޯނު ދިނުމަށް ވެސް ބަޖެޓުގައި ހިމަނާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ލޯނުން އަލަށް ގޯތި އެޅުމާއި އަދި ނުނިމި ހުރި ގޯތިތައް ނިންމުމަށް ވެސް ލޯނު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، ރާއްޖޭގެ ރައްޔިތުން ތަހައްމަލްކުރި އެންމެ ބޮޑު ދަތި ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ދިވެހިރާއްޖޭގެ ތާރީހުގައި ދުވަހަކުވެސް ބަޖެޓުގައި ޖަހައިގެން ރައީސުލްޖުމްހޫރިއްޔާއެއްގެ ތަސައްވަރާ އެއްގޮތަށް ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރެވޭ އެންމެ ބޮޑު މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.