ނޮވެމްބަރު 3 ފަދަ ހަމަލާއަކަށް ރައްދު ދޭނެގޮތް މާދަމާ ދައްކާލަނީ
ގުފްތަގް އަޖީރު
02 ނޮވެންބަރ 2024 - 16:34:00
ނަސްރުގެ ދުވަހާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި "މިލިޓަރީ ޑިސްޕްލޭ" އެއް ބާއްވަން ނިންމައިފި އެވެ. މި ހަރަކާތުގައި 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ދިވެހިރާއްޖެއަށް ދިން ހަމަލާ ފަދަ ހަމަލާއެއް ކުރިމަތިވެއްޖެނަމަ އެއަށް ރައްދު ދޭނެ ގޮތް ދައްކާލާނެ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
އެމްއެންޑީއެފްއިން ބުނީ މި ހަރަކާތުގައި ކަނޑާއި، ވައިގެ އަދި އެއްގަމުގެ މަގުން އަންނަ އުދުވާނީ ހަމަލާތަކަށް ރައްދު ދޭނެ ގޮތް ދައްކާލާނެ ކަމަށެވެ.
"މީގެ އިތުރުން ނޮވެމްބަރު 3 ގެ ހަމަލާއަށް ފަހު ދިވެހި އަސްކަރިއްޔާއިން ހޯދާފައިވާ ކުރިއެރުންތައް ވެސް މި ހަރަކާތުގައި ދައްކާލާނެ،" އެވެ.
ކޯސްޓްގާޑް ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް ރިޒްމީ ވަލީދު ވިދާޅުވީ މި ހަރަކާތުގައި ކަނޑުމަތީގެ އޮޕަރޭޝަންތައް ހިންގުމަށް އަލަށް އުފައްދާފައިވާ "ސްޕެޝަލް ބޯޓް ސްކޮޑްރަން" ގެ ހަރަކާތްތައް ވެސް ދައްކާލާނެ ކަމަށެވެ. މި ސްކޮޑްރަންގެ މެމްބަރުން ވަނީ 13 މަސް ދުވަހުގެ ތަމްރީނެއް ފުރިހަމަކޮށްފަ އެވެ.
މާދަމާ ހަވީރު 4:15 އަށް ފެށުމަށް ހަމަޖެހިފައިވާ މި ހަރަކާތް ބަލަން ދާ މީހުންނަށް ސެކިއުރިޓީ ކްލިއަރެންސް ދޫކުރުން 3:15 އިން ފެށިގެން ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ. އަދި މި ހަރަކާތް ބަލަން ދާ މީހުން ވީހާވެސް އަވަހަކަށް ސެކިއުރިޓީ ކްލިއަރެންސް ހޯދުމަށް އެމްއެންޑީއެފްއިން އެދިފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް