މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ސަރުކާރުގެ މިސްރާބު ހުރީ ލާމަރުކަޒީ ގާނޫނު ވުޖޫދުން ފޮހެލަން ކަމަށް ސަރުކާރުގެ އަމަލުތައް ހުރިގޮތުން ދޭހަވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކުން ރައްޔިތުން މަހުރޫމްކުރުމަށް ރާވައިގެން މިކަން ކުރަނީ އެވެ.
އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ހުށަހެޅިފައިވާ ބަޖެޓުން މުވައްޒަފުންގެ މުސާރަވެސް ދެވޭނެ ގޮތެއް ނުވިސްނޭ ކަމަށެވެ. އަދި ރާއްޖޭގެ މާލީ ހާލަތު ސަރުކާރުން ހާމަނުކުރާއިރު އަދި ހަރަދު ކުޑަކުރުމަށް އަމުދުން ފިޔަވަޅެއް ނާޅާއިރު މިޒާތުގެ މާލީ ސިޔާސަތަކީ ތަފާތުކުރުމާއި އޮޅުވާލުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގު ވިދާޅުވީ ރަށްފުށުގެ ކުރިއެރުމާއި ތަރައްގީއަށް ކައުންސިލްތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި ބަޖެޓް ކަނޑާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓު އެކަށީގެންވާ ވަރަށް ބޮޑުކުރުމަށް އޭނާ ވަނީ ގޮވާލާފަ އެވެ.
ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފު ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިއޮތް ބަޖެޓް އެގޮތަށް ފާސްކޮށްފިނަމަ، ކައުންސިލްތަކުގެ ރިކަރަންޓް ހަރަދު ފޫބައްދާންވެސް ގޮންޖެހުންތަކެއް ހުންނާނެ ކަމަށެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުގެ ކުރިއެރުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށް ކައުންސިލްތަކުން ކުރަމުންދާ މަސައްކަތްތައް ނުކުރެވޭ ވަރަށް ބަޖެޓު ކުޑަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ކުރިންވެސް ދެމުންއައި ގޮތަށް ޖުމްލަ ބަޖެޓުގެ ފަސް ޕަސަންޓަށް ކައުންސިލްތަކުގެ ބްލޮކް ގްރާންޓް ބޮޑުކުރުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް އޭނާ ގޮވާލެއްވި އެވެ.