ނައިބު ރައީސް ހުސެއިން މިހެން ވިދާޅުވީ، މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް 2024- 14 އަހަރުން ދަށުގެ އުމުރުފުރާގެ ފުޓްބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖޭގައި ފުޓުބޯޅަ ދިރުވައި އާލާކުރުމަށް ފުޓުބޯޅަ އެކެޑަމީތަކާއި ބެލެނިވެރިން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވަމުން އެމަނިކުފާނު ވަނީ، ފުޓުބޯޅަ ކުރިއެރުވުމަށް އެ ފަރާތްތަކުން ކުރާ މަސައްކަތުގައި ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ނަސްރުގެ ދުވަސް ފަދަ ގައުމީ އިހުތިފާލުތައް ކުރިއަށްދާ ދުވަހެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފުޓުބޯޅަ މުބާރާތެއް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެވަޑައިގަތުމަށް ހަމަޖެހުމުންވެސް ދައްކުވައިދެނީ ދިވެހި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ފުޓުބޯޅައަށާއި ކުޑަކުދިންނަށް ދެއްވާ އަހައްމިއްޔަތުކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް ފަދަ މުބާރާތްތަކުން، ތަފާތު ހުނަރުތައް ހުރި، ފުޓުބޯޅަ ކުޅުންތެރިން ދިވެހި ފަސްގަނޑުގައި އުފެދެމުންދާކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، ގައުމީ ފުޓުބޯޅަ ކުރިއެރުވެން އޮތީ، ކޮންމެ ކުއްޖަކުވެސް، ގައުމީ ފެންވަރުގައި، ގައުމީ ރޫހުގައި ކުޅެން މަސައްކަތްކޮށްގެން ކަމަށެވެ.
މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް 2024، 14 އަހަރުން ދަށުގެ ޢުމުރުފުރާގެ ކުޅުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ފައިނަލް މެޗުގެ ކުޅުން ބައްލަވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާއަށާއި ވަނަވަނަ ހާސިލުކުރި ޓީމުތަކަށާއި އޮފިޝަލުންނާއި ރެފްރީންނަށް ތައްޓާއި ހަނދާނީ ފިލަޔާއި އިނާމު ހަވާލުކޮށްދެއްވާފައެވެ. އަދި އެ މަނިކުފާނު ވަނީ ޗެމްޕިއަންޝިޕް ބޯޅައިގައި ސޮއިކުރައްވާފައެވެ.