ads
އިހްސާސް - 13 ވަނަ ބައި
އެޕިސޯޑް 13
Advertisement

ހޯމަ ދުވަހުގެ އަދަދާއި ގުޅޭ

ވަރުދޫވެފައިވާ ހަށިގަނޑު އަހާންގެ ގަޔާއިލައި ބޮނޑިކޮށްލަމުން ކިއާރާގެ ނިއްކުރީގައި ތުންފަތް ޖައްސައި ބާރރަށް ފިއްތާލި އެވެ. އަދި މަޑުމަޑުން ލޯބިވެތި ބަސްތަކުން ދެމީހުންގެ އިހްސާސްތައް ދިރުވޭތޯ އަހާން މަސައްކަތްކުރީ ދުނިޔެއަށްވެސް ސިއްރުންނެވެ. ނަމަވެސް އެއިން ކޮންމެ މަންޒަރެއް އަދި އަހާންގެ ކޮންމެ ހަރަކާތަކަށް ޝިމާން ފާރަވެރިވި އެވެ. ސްޓީއަރިން ވީލްގައި ބާރަށް ހިފަހަށްޓާފައި ފުލް ސްޕީޑުގައި ކާރު ދުއްވާލީ މަގު ބަލަހަށްޓާ ފުލުހުންގެ ރާޑަރުން އޭނާއަށް މިންޖުވެވޭނެކަން ޔަގީންކޮށްފަ އެވެ. 

................

ފުލުހުން އައުމުން ނޫނީ މި ކޭސްގައި އަޅުގަނޑަށް ދެން ކުރިޔަކަށް ނުގެންދެވޭނެ.. މިއީ ޕޮލިސް ކޭސްއެއް.." ޑޮކްޓަރު މަސައްކަތްކުރީ ގަވާއިދުގެ ދަށުން ފަރުވާއަށް ފުރުސަތު ހޯދުމަށެވެ.

"ޑޮކްޓަރ ޕްލީސް ސޭވް ހާރ.. ޑޫ ވަޓްއެވަރ ޔޫ ވޯންޓް! ބަޓް ސޭވް ހަރ" އަހާންގެ އާދޭހަށް ދެވަނަ ފަހަރުވެސް ޑޮކްޓަރ ފުރަގަސް ދެއްވި   އެވެ.

ނަމަވެސް އަހާންގެ ހައިބަތާއި، ގަދަ އަޑާއި ހަރުކަށި އަމުރުގެ ސަބަބުން ޑޮކްޓަރުންނަށް ޖެހުނީ  ކިއާރާއަށް ފަރުވާދިނުން ކުރިއަށް ގެންދާށެވެ. 

"އޯކޭ ދެން..! ފިލް އަޕް ދި ފޯމަލިޓީޒް..!" ޑޮކްޓަރގެ ނިންމުމާއެކު ދެމީހުން ދުއްވައިގަތީ ރިސެޕްޝަނާއި ދިމާއަށެވެ.

..................

ފޯމް ފުރުމަށް ގަލަން ނަގާފައި އަހާން ބަލައިލީ ޝިމާން އަށެވެ. 

"އޮފިޝަލީ ވީ އަރ ނޮޓް މެރިޑް ޔެޓް..! އަހާންއާއި ކިއާރާގެ ވަރިވިކަމުގެ އެއްވެސް ކަމެއް އަދި ކޯޓުން ނިންމިކަމުގެ ހެއްކެއް އަހަރެންގެ އަތަކަށް ނުލިބޭ..! ލިޔެކިޔުންތަކަށް ބަލާއިރު އަދިވެސް އެއީ އަހާންގެ އަންބެއް..! ފައިސާއާއި ބާރު ހުރީތީ މިކަންކަން އަހަރުމެންނަށް ކުރެވުނަސް، ގަވާއިދުން ވިއްޔާ މިކަން މިގޮތަކަށް ނުކުރެވޭނެ! އެކަން އަހާންއަށްވެސް އިނގޭނެ" ހަރުކަށިކަމާއި ނުރުހުމާއެކު ޝިމާން ބުންޏެވެ.

ވަގުތުގެ ނާޒުކުކަމަށް ބަލާފައި އަހާން، އެ ފޯމްގައި ސޮއިކުރި އެވެ. އަދި ރިސެޕްޝަނަށް ފޯމް ހަވާލުކޮށްފައި އެނބުރުނު ވަގުތު ޝިމާންގެ ގޮއްމުށުގައި ހުރި ބާރެއް ލާފައި އަހާންގެ އަނގަމަތީގައި ޖެހި އެވެ. 

"ކަލޭ ތީ ގަމާރެއްތަ..؟ ނޫނީ ދެ ލޯ ކަނު މީހެއްތަ..؟ ހިއްސުތައްވެސް މަސައްކަތް ނުކުރަނީތަ..؟ ނޫނީ ކަލޭ އުފައްދަވާފައިވަނީ ދަގަޑުންތަ..؟ މައުސޫމު އަންހެން ކުއްޖެއްގެ ހިތުގެ ހާލަތު ނޭގޭވަރުގެ ޖާހިލެއްތަ ކަލޭތިއީ..؟" ޝިމާންގެ ރުޅިވެރި ހަރުކަށި ތުހުމަތުތަކަށް އަހާންގެ ޖަވާބެއް ނެތެވެ. ހުރި ފިޔަވަޅުމަތީގައި މީހާ ގަނޑުވެފައި ހުރެވުނީ ބުނާނެ އެއްޗެއް ނެތީމަ އެވެ. 

ދެވަނަ ފަހަރުވެސް ކުރިއެކޭ އެއްގޮތަށް ހަމަ އެހައި ބާރަށް އަހާންގެ އަނގަމަތީގައި ޝިމާން ގޮށްމުށުން ޖަހައިފި އެވެ. ތުންފަތާއި އަގައިން އައި ލޭ އަހާން ފޮހެލީ ރިސެޕްޝަން ކައުންޓަރު މަތީގައި ހުރި ޓިޝޫފޮށިން ޓިޝޫއެއް ނަގާފަ އެވެ.

"ކަލެއަށް ހީވަނީ ކީކޭތަ..؟ އެވަރުގެ ކަމެއް ކިއާރާ އެކުރީ ކީއްވެގެންކަން ކަލެއަށް އަދިވެސް ނުވިސްނޭތަ..؟ މަށަށް ޖަވާބު ދީބަލަ..!" އަހާންގެ މޭގައި އަތް އަޅާފައި ޝިމާން ކޮށްޕާލި އެވެ. 

"ކީއްވެކަމެއް ނޭގެ..؟" ތުންފަތުން ލޭ ފޮހެލަމުން އަހާން ބުނެލީ އާދައިގެ ގޮތަކަށެވެ.

"ކަލެއަށް އަދިވެސް އެއްޗެއް ނުވިސްނޭތަ..؟ ޔޫ ފޫލް..!! ޝީ ލަވްސް ޔޫ ޑެމިޓްޓޓ..!" ޝިމާންގެ ރުޅިވެރިކަމާއި ނާއުއްމީދު އޭނާގެ މޫނުން ސާފުކޮށް ފެނެ އެވެ.

"ލަވް..! ރިއަލީ...!! އަހަރެން ދެކެ ލޯބިވާނެ މީހަކު މި އުޑުދަށުގައި ދުވަހަކުވެސް ހުރެދާނެކަމަށް އަހަރެން ހިޔެއް ނުކުރަން.." މަޑުމަޑުން އަހާން ބުނަމުންދިޔައީ އޭނާގެ އަމިއްލަ ނަފުސާއި މުހާތަބް ކުރަމުންނެވެ. އެކުވެރިޔާ ކީއެއްޗަކަށް ނުވަތަ ލިބުނު ވޭނަކަށް އަހާންގެ ފަރުވާލެއް ނެތެވެ.

"ޝީ ލަވްސް މީ...!؟؟ ޝީ ލަވްސް މީ..!!!" އަމިއްލަ ނަފުސަށް ވާހަކަދައްކަމުން އަހާންގެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އޭނާގެ އިނގިލިތައް މަހާލި އެވެ. 

ޝިމާންއަށް އިތުރަށް ބަލައިލާންވެސް އަހާންގެ ޝައުގުވެރިކަމެއް ނެތެވެ. އަލަށް ލިބުނު މައުލޫމާތުގައި ހަށިގަނޑުގެ ނާރުތައް މައިތިރިކުރެވޭތޯ އަހާން މަސައްކަތްކުރި އެވެ. ކިއާރާއަށް ނުރައްކަލެއް ނެތް ކަމާއި އޭނާގެ ހާލަތު މަޑުމަޑުން ރަގގަޅުވަމުން އަންނަކަމަށް ޑޮކްޓަރު ނިންމެވިއިރު ފުލުހުން އަތުވެއްޖެ އެވެ. 

ރިޕޯޓްކުރުމާއި ކަންވެގެންދިޔަގޮތް ތަހުގީގު ކުރުމަށް އަހާންއާއި ޝިމާންގެ ފުރިހަމަ އެއްބާރުލުން ދިނެވެ.

.....................

އަހާންގެ ހިޔާލް... 

'އަހަރެންގެ މުޅި މި ހަޔާތުގައިވެސް  އެންމެ ބޭނުންވި އެއްޗަކީ ލޯތްބެވެ.!

މިހާތަނަށް އަހަރެން އިތުބާރުކޮށް ގާތްކަމުގައި ދެކުނު ކޮންމެ މީހަކު އަހަރެންގެ އުއްމީދުތައް ފުނޑުފުނޑުކޮށް އަހަރެން އެކަނިވެރިކޮށްލާފައި ދިޔައީ އަހަރެންނާއިމެދު ކުޑަކޮށްވެސް ވިސްނާލުމެއް ނެތި..!

ލޯތްބަކީ ކޯންޗެއްކަން ވިސްނައިދީ އަހަންނަށް ލޯބި ދަސްކޮށްދިނުމަށް ހަޔާއަށްވެސް ވަގުތެއް ނުލިބުނު... އިތުބާރުގެ މައްޗަށް އަހަރެންގެ ޔަގީންކަން އިތުރުކުރުމަށް ހަޔާއަށް ފުރުސަތެއް ނުލިބުނު..! އެއީ އަހަރެންގެ ސަބަބުން ކަމަށްވެސް ވެދާނެ..! އިތުބާރަކީ އަހަރެން ދަސްކުރަން ބޭނުންވި ފިލާވަޅެއް.. ނަމަވެސް ހަޔާތުގައި އަހަންނަށް އެ ނަސީބެއް ނުލިބުނު.. މުޅި ދިރިއުޅުން ހޭދަވެގގެން މިދަނީ އެކަނިވެރިކަމާއި ނާއުއްމީދުގައި..! އަހަރެންނާއި ގުޅުން އޮންނަ ކޮންމެ މީހަކަށް، އެމީހެއްގެ ބޭނުން ފުދުނީމައި އަހަރެންގެ ބޭނުން ކެނޑުނީ..! މިއީ އަމިއްލަ އެދުމުން ފުރިފައިވާ ދުނިޔެއެއް..! މި ދުނިޔޭގައި އޯގާތެރިކަމެއް އަދި އެކަކު އަނެކަކު މައްޗަށް ހަމްދަރުދީ ވުމެއް ނެތް..! ތެދުވެރިކަމާއި އަމާނާތަކީ އެހެންމީހުންނަށް މަލާމާތަށް ބޭނުންކޮށްއުޅޭ ބަސްތަކެއް ކަމުގައި ދެކެން ފަށައިފި..! ފަހަރެއްގައި ވެދާނެ، ލޯތްބަކީ އަހަރެންގެ ނަސީބުގައި ﷲ ލައްވާފައިނުވާ އިހްސާސަކަށް..! އެކަމަކު އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ދުވަހަކަށް އަހަރެންވެސް އިންތިޒާރުކުރިން.. ކިއާރާ އަހަރެންގެ ހަޔާތަށް އައީ މި ހުރިހައި ކަމެއްގެ ތެރެއިން.." އަހާންގެ މޫނުގައި އަތް އަޅާފައި ހާސްކަމުގެ ނޭވަޔަކުން އަތް ތިރިކޮށްލި އެވެ. 

އަހާންގެ ދޮން މޫނުގެ ކުލަ މަޑު ރަތްކުލައަށް ބަދަލުވަމުންދިޔައީ ނުތަނަވަސްކަމުގެ ސަބަބުންނެވެ. އޭނާގެ ހަރަކާތްތަކުން ސާފުކޮށް ފެންނަމުންދިޔަ ހަގީގަތަކީ އަހާންގެ ހިޔާލުގައިވަނީ ހަމައެކަނި ކިއާރާކަމެވެ.

"އެދުވަހުގެ ކައިވެނީގެ ހަފްލާގައި  އަހަންނަށް ވީގޮތް އެހެންމީހަކަށް ބުނެދޭނީ ކިހިނެއް..؟ އެ އެންމެންގެ ކުރިމަތީގައި އަހަރެން ކިއާރާގެ ދިފާއުގައި ތެދުވީ އެކަމަށް އަހަރެންގެ ހިތާއި ނަފުސު އިންތިހާއަށް މަޖުބޫރުކުރީތީވެ..! އެކަން އެގޮތަށް ގަބޫލުކުރާނެ އެކަކުވެސް ނޫޅޭނެ... އެންމެން އޭނާއަށް މަލާމަތްކޮށް ފުރައްސާރަކުރަމުންދިޔަ ވަގުތު އަހަރެން ކިއާރާ ސަލާމަތްކުރީ އޭނާއަށް ދުނިޔެ ހޯދައިދިނުމަށް އަޒުމުކަނޑައަޅައިގެން.. އަދި ނާތަހުޒީބު އެމުޖުތަމައުން ކިއާރާ ސަލާމަތްކޮށްދިނުމަށްޓަކައި.. ކުރެވުނު ކައިވެނީގައި އެނޫން އެހެން އެއްވެސް މަގުސަދެއް ނެތް..! އެކަމަކު އަހަރެންގެ ހަޔާތާއި އަހަރެންގެ ދިރިއުޅުމާއި އަހަރެންގެ މި ނުވިސްނޭ ސިކުނޑިއާއި ބަލިކަށި ހިތާއި ކިއާރާ ގުޅި ލާމެހުނީ ކޮން އިރަކުކަމެއް ވިސްނާކަށްވެސް އަހަންނަކަށް ނޭގެ..! އަހަރެންގެ ކޮންމެ ނޭވާއެއް މިއަދު ގުޅިފައިމިވަނީ ކިއާރާއާއި.. މިހުރިހައިކަމެއްގެ ހަބަރެއް ކުރީން އަހަންނަށް ނުވީ ކީއްވެގެންބާ؟"

ކިއާރާއާއި ބައްދަލުވި ހިސާބުން އަހާންގެ ދިރިއުޅުން ބަދަލުވަމުން އައިގޮތުގެ ހަނދާންތައް އޭނާ އާކުރަމުންދިޔައީ އެކަމުން ހިތަށް ތަސައްލީއެއް ލިބޭތޯ އެވެ. މަންޒަރުގެ ފޮޓޯތައް ބަދަލުވަމުންދިޔައީ އޭނާގެ ދެލޮލުން ކަރުނަ ހިލުވާލާފަ އެވެ. 

"އެދުވަހު ހަޔާ، ކިއާރާއަށް ފުރައްސާރަ ކުރަމުންދިޔަ ވަގުތު އަހަންނަށް ވީގޮތް، ހިތައް އެރިޔަސް މުޅިގައިން ހީބިހި ނަގާ.. އެދުވަހުގެ އެ ވަގުތު ކިއާރާގެ ލޮލުން ފެނުނު ރިހުން އަހަރެންގެ ހިތް ފުނޑުފުނޑު ކޮށްލި.. އެންމެ ބޮޑު ސިހުމެއް ލިބުނީ ލަދުވެތިކަމާއެކު ކިއާރާ އިސްޖަހައިލުމުން... ލަދުގަންނަންޖެހޭވަރުގެ އެއްވެސް ކަމެއް އަހަރުމެން ދެމެދު ހިނގާފައެއް ނެތް..! އެފަދަ ކަމެއް ކިއާރާ ކޮށްފައެއްވެސް ނެތް.. ކިއާރާ ލަދުގަންނަންޖެހުނު ސަބަބަކީ ކޮބައިބާ..؟ ކައިވެންޏަކީ އަހަރެންގެ ނިންމުން.. މާލެއަށް ގެނެސް، އަހަރެންގެ ގޭގައި ކިއާރާ ބެހެއްޓުމަކީވެސް އަހަރެންގެ ނިންމުން.. އޭނާގެ މުސްތަގުބަލް ކުރަހަމުން މިގެންދިޔައީ އަހަރެންގެ ދެ އަތުން..! އެކަމަކު، ކިއާރާގެ މައުސޫމުކަމާއި ކިޔަމަންތެރިކަމުން އަހަރެންގެ ހިތް ބަލިކަށިކޮށްލައިފި..! ހަގީގަތުގައިވެސް އެދުވަހު އަހަރެން ވަރަށް ބޭނުންވި، އަހަރެންގެ ދެއަތުގެ ތެރޭގައި ކިއާރާ ބޮނޑިކޮށްލަން.. ހުރިހައި ރިހުމެއް ފިލައިގެން ދާވަރަށް ބައްދާލާފައި ބުރަކަށީގައި ފިރުމާލަދޭން އަހަރެން ވަރަށް ބޭނުންވި..!

އަހަންނަށް އިނގޭ، އަހަރެންނާއި ހަޔާއާއި ދެމީހުން މިއުޅުނީ ލިވް އިން ރިލޭޝަންޝިޕްއެއްގައިކަން.. މި ގުޅުމަށް އެތައް އަހަރެއް ވެގެންދިޔައިރު، ނުލާހިކު ރީތި، ގިނަ ހަނދާންތަކެއް އަހަރުމެން ދެމީހުން ދެމެދުގައިވޭ.. ދެމީހުންގެ ދޭތެރޭގައި ދުވަހަކުވެސް 'ރޮނގެއް ދަމާލެވިފައެއް ނެތް..!' އެކަމަކު ކިއާރާއާއިމެދު  މިކުރެވޭ ޒާތުގެ އެއްވެސް އިހްސާސެއް ހަޔާއާއިމެދު އަހަންނަށް ދުވަހަކުވެސް ނުކުރެވޭ.. އެދުވަހު ކިއާރާއަށް ފުރައްސާރަކުރަމުންދިޔަ ވަގުތު، އަހަރެންގެ ހިތް ކިތަންމެ ފަހަރަކު މަޖުބޫރުކުރި އަހަރެންގެ މި ހަށިގަނޑުގެ ހޫނުން ކިޔާރާގެ ލަދުވެތިކަމާއި އެކަނިވެރިކަން ދުރުކޮށްދިނުމަށް..! އެކަމަކު އަހަރެންގެ ނަފުސަށް އެކަން ވިސްނައިދޭން އަހަރެންގެ ސިކުނޑި އެވަގުތުގައި މަސައްކަތެއް ނުކުރި.. މިފަދަ އެއްވެސް ޖަޒުބާތެއް ހަޔާއަށްޓަކައި ފާއިތުވި ދިގު މުއްދަތުގައި ދުވަހަކުވެސް ކުރެވިފައެއް ނެތް..! ސަބަބަކީ ކޮބައިކަން އަދިވެސް އަހަންނަކަށް ނުވިސްނޭ..! ހަޔާގެ ސަބަބުން އަހަރެންގެ އަތް އިސްކުރެވުނުކަމަށްޓަކައި އަހަރެން މައާފަށް އެދޭކަށް ބޭނުމެއް ނޫން..! އެއީ އޭނާއަށް ލިބެންޖެހޭ ފިލާވަޅެއް.. ކަންކަން ވެގެން ދިޔަގޮތް އޮޅުން ފިލުވައިދިނުމަށް ހަޔާ އަހަންނަށް ކުޑަވެސް ފުރުސަތެއް ނުދިން..! އަހަރެން ދޫކޮށް ހަޔާ ދިއުމުން ކުޑަވެސް ރިހުމެއް އަހަރެންގެ ހިތުގައި ނެތް.. ދެރަވުމެއް ނުވަތަ، އެކަމާއި ހިއްދަތިވުމެއްވެސް އަހަރެންނަށް އިހްސާސެއް ނުކުރެވުނު..!'

އަމިއްލަ ހިޔާލްގެ ތެރޭގައި އެތައް އިރެއް ހޭދަކުރެވުނުއިރުވެސް އަހާންއަށް ނޭގެ އެވެ. ހިތާއި ސިކުނޑިއާއި ދެމެދު އަރާރުންވަމުން ދިޔަ ކަންކަން ހައްލުކުރަން އަހާން އިހްތިޔާރުކުރީ އެނާގެ ހިމޭންކަމެވެ. ކިއާރާއަށް ހަޔާ އެއްޗެހި ކިޔަމުންދިޔަ ވަގުތުގެ ނުތަނަވަސްކަން އަހާންގެ ސިކުނޑިން ދުރަށްލާން އޭނާއަށް ފަސޭހައެއް ނުވި އެވެ. 

'ހުއްޓުމެއް ނެތި ކިޔަމުން އެދިޔަ އެއްޗިއްސާއި އަޅުވަމުންދިޔަ ހުތުރު ތުހުމަތު ތަކަކީ އަޑުއަހާންވެސް ފަސޭހަ ކަންކަމެއް ނޫން.. އެއީ ކިއާރާއާއި އަޅުވައި ބުނެވޭނެ ބަސްތަކެއްވެސް ނޫން.. އަހަރެންގެ ހިތުގައި ހަޔާއަށްޓަކައި ކުޑަވެސް ހަމަދަރުދީއެއް ނެތް.. އެކަމަކު ކިއާރާ ދުވެފައި ދިޔަގޮތް އަދިވެސް ލޯކުރިމަތީގައި ސިފަވޭ..! މައާފަށް އެދެން ފަސޭހައެއް ނޫން.. އެކަމަކު ކިއާރާގެ ކިބައިން މައާފަށް ނޭދެވެނީސް އަހަރެންގެ ހިތަށް ލުއެއް ނުލިބޭނެ..! އެދުވަހު ކިއާރާގެ ކޮޓަރީގެ ދޮރުގައި އަހަރެން ޓަކި ޖަހައިލީ ވަރަށް ހިތްވަރުކޮށްފައި.. ދެފަހަރަކު ޓަކި ޖަހައިލުމުންވެސް ހަބަރެއް ނުވުމުން ދޮރުގެ ތަޅުގައި ހިފާފައި އަނބުރައިލިން.. ތަޅުނުލައި ހުރުމުން މަޑުމަޑުން އެތތެރެއަށް ބޯދިއްކޮށްލީން... ކިއާރާ އިނީ ދެ ލޯ މަރައިގެން... ލޮލުގެ ހިމަކޮޅުން ފައިބަމުންދިޔަ ކަރުނަ ކޯތާފަތް ހުރަސްކޮށް ކަރުވަޅާއި ހަމައަށް ދެމިފައި ހުރި.. އަހަރެންގެ ދެއަތުން، އޭނާގެ ހިތްދަތި ކަރުނަ ފޮހެލައިދޭން އެވަގުތު ވަރަށް ބޭނުންވި... އެކަމަކު އަހަރެންނާއި މެދު ކިއާރާ ދެކެނީ ކިހިނެއް ކަމެއް ނޭގޭތީ ފަހަތަށްޖެހެން މަޖުބޫރުވީ... އެފަދަ ކަމެއް އަހަރެން ކޮށްފިއްޔާ ކިއާރާ ހީކުރާނީ ކީކޭ ކަމެއްވެސް ނޭގޭ..! ކިއާރާގެ ހިތުގައި އަހަރެންނަށްޓަކައި ދަރަޖައެއް ބިނާކުރާން މިހާތަނަށް އެއްވެސް ކަމެއް އަހަރެން ކޮށްފައެއް ނުވާނެ.. އަހަރެންނާއި މެދު ހާއްސަ ނަޒަރަކުން ކިއާރާ ދެކެންޖެހޭ އެއްވެސް ސަބަބެއްވެސް ނެތް... އަހަންނަކީ ލިވް އިން ރިލޭޝަންޝިޕްއެއްގައި އުޅޭ މީހެއްކަމަށް ބުނެދިން ވަގުތު ކިއާރާގެ މޫނަށް ވެގެންދިޔަ ގޮތް މިއަދުވެސް އަހަރެން ހަނދާން އެބަހުރި..! ކިއާރާއަކީ ވަރަށް އާދައިގެ ދިރިއުޅުމަކުން، ވަރަށް މައުސޫމުކަމާއެކު ބޮޑުވަމުންއައި ކުއްޖެއް.. މި ދުނިޔޭގެ އަނިޔާވެރިކަމާއި ބޭއިންސާފަކީ ކިއާރާ ދަންނާނެ އެއްޗެއް ނޫން..! އަހަރެންގެ ހަޔާތުން ދިރިހުރުމުގެ އުއްމީދު، މޫލައި ހެދެންފެށީ ކިއާރާ އަހަރެންގެ އައުމުން..! މިހާރު މިކުރެވޭފަދަ އެއްވެސް ހިޔާލެއް ނުވަތަ މިކުރެވޭ ފަދަ ޖަޒްބާތުތަކެއް އަހަރެންގެ ޖިސްމުގައި ދުވަހަކުވެސް ދައުރެއް ނުވޭ.. ހަޔާގެ ދަށުދަރަޖައިގެ އަހްލާގުގެ ސަބަބުން އަހަންނަށް ކުރިމަތިވި ލަދުވެތިކަމާއި ފުރައްސާރައަށް އަހަރެން ފަރުވާލެއް ނުބަހަށްޓަން.. މިއަދުވެސް ހަނދާން އެބަހުރި އަހަރެންގެ އޮފީހހުގެ، އަހަރެންގެ އަމިއްލަ މުވައްޒަފުން އަހަންނާއި ދިމާއަށް  ކުދިކިޔަމުން ވައްކަޅިން ބަލަމުން މަލާމަތްކުރި ދުވަސް..! އަހަރެންގެ މޭޒު ވަތްގަނޑުގައި ހުރި ބާރުގަދަ ބޭސްތައް ސުމާރެއްނެތި މުށަށް އަޅާފައި ކާލެވުނީ ހިތާއި ސިކުނޑިއަށް އެވަގުތު ކެތް ނުވީތީ..! އެދުވަހު އެކަމަށް ވިސްނާފަ އަހަރެން ފިޔަވަޅު އެޅިނަމަ، މި ހިތުގެ ހާލަތު ދެނެގަންނާން މިހައި ވަގުތުނުނެގީސް... އަމިއްލަ މުވައްޒަފުންގެ ފުރައްސާރައިގެ ސުރުހީއަކަށް ވެގެންދިޔަ ދުވަހު އަހަންނަށް ކަމަކަށް ނުވެފައި ކިއާރާއާއި ހަޔާ ކުރިމަތިލީ ދުވަހު އަހަރެންގެ ހިތަށް ކެތްނުވީ ކކީއްވެތޯ އަހަރެން އަމިއްލަ ނަފުސާއި ސުވާލު ނުކުރެވުނުކަމަށްޓަކައި މިއަދު ހިތާމަކުރަން..! ބާރުގަދަ ބޭސްތަކުން އަހަރެންގެ ސިކުނޑި ތޮރުފަމުންދިޔަ ވަގުތު، އެރޭ އަހަރެން ގެއަށް އައީ އަމިއްލަ އިހްތިޔާރަކު ނޫން..! (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް