ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ
މާމެލާމެލީގެ ގުލްދާސްތާއެއް ފަދައިން އަހާންގެ ގަނޑުވަރެއްފަދަ ގެ، ޒީނަތްތެރިކޮށްލާފައިވެ އެވެ. ކިއާރާ ސިޑިން ފައިބާ އަޑަށް އެދިމާއަށް ލޯތަށް އަމާޒުވެގެންދިޔައީ ސިކުންތުކޮޅެއްގެ ތެރޭގަ އެވެ. އަހާންގެ ނަޒަރު ކިއާރާއާއި އަމާޒުވި ވަގުތު ގައިގެ ހުރރިހާ ލޯލިތައް ކޮޅަށްޖެހުނެވެ. ކިއާރާގެ ނަލަކަމާއި ރީތިކަން އަހާންގެ ހިތުގައި ތަފާތު ވިންދެން ޖަހުވާލި އެވެ. އަހާންގެ އެސްފިޔަތައް ހަނގުރާމަކުރަމުންދިޔައީ ލޮލުގައި ގިނަވަމުންދިޔަ ކަރުނަ އޮހޮރިގެން ފޭބިޔަ ނުދިނުމަށެވެ. ނަމަވެސް އަހާންގެ އިހްސާސްތައް މިއަދު އޭނާއަށް ކިޔަމަނެއް ނުވި އެވެ. އެސްފިޔަތަކުން ފޭދިގެން ކޯތާފަތް ހުރަސްކުރި ކަރުނަ ފޮހެނުލައި އަހާންގެ އަތުގެ އިނގިލިތައް މައިތިރިއެއް ނުކުރެވުނެވެ.
ހިނިތުންވާން ކުރި މަސައްކަތް ލޮލުގެ އާތްވާއެކު އަރައިގެން ހިގައްޖެ އެވެ. ގަދަކަމުން މޫނުމަތީގެ އިހްސާސްތައް ބަދަލުކުރާން އަހާން ކުރި މަސައްކަތް އެހެންމީހުންގެ ލޯތަކަށް ފަރުދާއަކަށް ފުދުނެވެ. އަހާންއަށް ތަރުޖަމާ ނުކުރެވުނީ ކިއާރާގެ ހަރަކާތްތަކާއި އެ މައުސޫމް އިހްސާސްތަކެވެ. ފެންކަޅިވެފައިވާ ދެ ލޮލާއެކު ކިއާރާއަށް ހިނިތުންވުމެއް ރައްދުކުރެވޭތޯ އަހާން މަސައްކަތްކުރި އެވެ.
ކިއާރާގެ މޫނުމަތިން ފެންނަމުންދިޔައީ ހަރުކަށިކަމާއި ނަފްރަތެވެ. ދެރަވުމެއް، މާޔޫސްކަމެއް ނުވަތަ އުފާވެރިކަމެއްވެސް އެ މޫނުގައި ނެތެވެ. ހިނިތުންވުމަކީ މިއަދު ކިއާރާ ދަންނަ ސިފައަކަށް ނުވެ އެވެ. ހަށިގަނޑު ސީދާކޮށްލާފައިވަނީ ގަދަކަމުން ކޮޅަށްހުރުމަށް، ދެ ފައި ބިމަށް ގަދަކުރާން މަސައްކަތްކުރާ ފަދައިންނެވެ.
ވެޑިންގ ޑްރެސްގެ މާދުރަށް ފެތުރިފައިވާ ދިގު ލޭސްގަނޑު ހިފަހައްޓައިގެން ތިބި ދެކުދިންގެ އެހީއާއެކު ކިއާރާއައިސް އިށީނީ އޭނާއަށް ހާއްސަކޮށްފައިވާ ގޮނޑީގަ އެވެ. ޝިމާންއާއި ޖެހިގެންނެވެ. އެންމެ ހިނދުކޮޅަކަށްވެސް އަހާން އަދި ޝިމާންއާއި ދިމާއަށް ކިއާރާ ބަލައިނުލަ އެވެ.
ކައިވެނީގެ ހުތުބާއާއެކު ޝިމާން ބަލައިލީ އޭނާއާއި ދާދި ގާތުގައި އިން ޕަރީއެއްފަދަ ރީތި އަންހެން ކުއްޖާއަށެވެ. ނަމަވެސް އުފާވެރިކަމުގެ ވިންދެންވެސް ޝިމާންއަށް އިހްސާސެއް ނުވި އެވެ. ތަފާތު ގޮތަކަށް ކިއާރާއާއި ދިމާއަށް ބަލައިލާން މަޖުބޫރުވި ސަބަބަކީވެސް އެއީ އެވެ. ހުވަފެނެއްގައިވެސް ދެކެފައިނުވާފަދަ ފަތްމިންޏަކާއި އަލަތުކައިވެނި ކުރެވިގެންދާ ވަގުތު ކުރެވެންޖެހޭފަދަ އެއްވެސް އިހްސާސެއް ޝިމާންއަށް ނުކުރެވުނެވެ.
ކިއާރާގެ އިހްތިޔާރަކާއިނުލައި ލޯ މެރެމުން، ހުޅުވެމުންދިޔަ އެސްފިޔަތަކަށް ޝިމާން ބަލައިލި އެވެ. ކޯތާފަތް ހުރަސްކޮށް ދެމެމުން ދަތުރުކޮށްފައިވާ ކަރުނައިގެ ރޮނގު ސާފުކޮށް ފެނުނެވެ. ގާޒީގެ އަޑު ޝިމާންގެ ކަންފަތަށް އިވޭހެން ހިޔެއްނުވެ އެވެ. ކިއާރާގެ މޫނުން އޭނާގެ ނަޒަރު ދުރަށްނުލި އެވެ.
ހަށިގަނޑުގައި އަޅަމުންދިޔަ ދިލަ ވޭނާއި، ދުނިޔެ އެނބުރޭ ފަދައިން ގަދަ ރިހުމަކުން ވޭން ލިބެމުންދިޔަ ބޮލުގައި ބާރަށް ހިފަހަށްޓަން ކިއާރާ ބޭނުމެވެ. ނަމަވެސް އަތެއް ފައެއް ތަޅުވާލާނެ ހަކަތަވެސް ކިއާރާގެ ކިބައިގައި މިވަގުތު ނެތެވެ. ބޭނުމީ އެންމެ ކަމެކެވެ. އިވޭހުރިހައި އަޑެއް އޮއްބާލާފައި ހިމޭންކަމުގެ ނިންޖަކުން މުޅި އުމުރަށް ނިދާލާށެވެ.
ދާއިމީ އަމާންކަމަކަށް އެދި ހިތް އާދޭސްކުރަނީއެވެ. އަހާން އެދޭއެދުން ފުރިހަމަކޮށްދިނުމަށްޓަކައި އޭނާއާއި ނުހަނު ދުރަށްދާން ކިއާރާ ބޭނުމެވެ. ދުވަހަކުވެސް އެ ހަޔާތަށް ހިޔަނިވެސް ނޭޅޭހައި ދުރަށެވެ.
ހުވަފެނީ ގޮތަކަށް ކަންފަތަށް އިވެމުންދިޔަ ކިޔެވެލީގެ އަޑު މަޑުވާން ފަށައިފި އެވެ. ވަށައިގެން ހިނގަމުންދިޔަ އެއްވެސް ކަމެއްގެ މަންޒަރެއް ކިއާރާއަށް ސާފެއް ނޫނެވެ. ހަށިގަނޑު ހިފަހައްޓާނެ ބާރެއްނެތި، ކަރުއެލިގެންދިޔަ ވަގުތު ބާރުގަދަ އަތަކުން ހަށިގަޑުގައި ބެއްދިހެން ހީވި އެވެ. ދެން އިވުނީ ގަދަފަދަ އަޑެކެވެ. ކިއާރާގެ ނަމުން ބާރަށް ގޮވާލުމާއެކު އެއަޑު ފަނޑުވަމުން ހިމޭންވެއްޖެ އެވެ.
ކިއާރާ އަރިއަޅައިލިވަގުތު ޝިމާންގެ ބާރުގެ ދަށުގައި އެ ހަށިގަނޑު ހިމާޔަތްކޮށްލި އެވެ. ގާޒީ ކިޔަމުންދިޔަ ހުތުބާއާއި ދެމުންދިޔަ ނަސޭހަތަށް ފަރުވާލެއްހުރި މީހަކު އެތާނުގައި އެވަގުތު ނެތެވެ. ހުރިހައި ލޮލެއް އަމާޒުވެފައިވަނީ ވާގިދޫވެ، ދެމިފައިއޮތް ކިއާރާގެ ހަށިގަނޑަށެވެ.
ކިއާރާގެ ނަމުން ބާރަށް ގޮވަމުން އެންމެންގެ ތެރެއިން، އަހާންއަށް އެ ހިސާބަށް ގާތްވެވުނުއިރު ޝިމާންގެ އަތްމައްޗަށް ކިއާރާ އުފުލާލައިފި އެވެ. ނަމަވެސް ބަލަމުންދިޔަ ލޯތަކަށް ލިބުނު ޝޮކް ކުޑައެއް ނުވި އެވެ. ޝިމާންގެ އަތުން ކިއާރާގެ ހަށިގަނޑު އަހާން ދަމައިގަތީ އޭނާގެ ކޮންޓްރޯލުން ބޭރުންކަން ނޭގޭނެ ކުޑަކުއްޖަކުވެސް އެ މެހެފިލްގައި ނުވެ އެވެ. ދެއަތުގެ ތެރޭގައި ކިއާރާގެ ހަށިގަނޑު ބޮޑިކޮށްލިއިރު އަހާންގެ ދެ ލޮލުން ހިފެހެއްޓުމެއް ނެތް ކަރުނަ ދެމިގަތްފި އެވެ.
"ކިއާރާ.. ވަޓްސް ރޯންގް..؟ ކިއާރާ..!! ޓޯކް ޓު މީ ބޭބީ ގާރލް..! ލޯ ހުޅުވާލަބަލަ.. ޕްލީޒް.. ޕްލީޒް ކިއާރާ..!" ފެންނަމުންދިޔަ މަންޒަރުގެ ކުލަތައް ދެނެގަންނާން ނޭގުނު ކިތަންމެ ލޮލެއް އެމަންޒަރު ކުރަހަމުންދިޔަ އެވެ. ހައިރާންވެ އަންތަރީސްވެފައިވާ މޫނުތަކަށް އަހާންގެ ފަރުވާލެއް ނެތެވެ. ކޮންޓުރޯލުން ބޭރުން ކުރެވެމުންދިޔަ ކަންކަން ތިމާއަށް އެނގޭވަރަށްވުރެންވެސް އަހާންގެ ހާލު ދެރަ އެވެ.
ފެންނަމުންދިޔަ މަންޒަރާއި ހިނގަމުންދިޔަ ކަންކަމުގެތެރެއިން ޝިމާންއަށް ލިބުނު ހައިރާންކަން ކުޑައެއް ނޫނެވެ. އަހާންގެ އަތުގެ ތެރޭގައި ބޮޑިކޮށްލާފައިވާ ކިއާރާއަށް ބަލައިލިވަގުތު ޝިމާންގެ ލޮލުގައި އަޅައިގަތީ ގަދަރަތްކުލައިގެ ލޭގެ ތިކިތަކެވެ. މާދުރުން ފެށިގެން ތިކިޖަހަމުންއައިސް ލޭގެ ރޮނގު ގުޅިފައިވަނީ ކިއާރާ އެވެ. ގައިން ހީބިހި ނަގައިގެންދިޔަ ވަގުތު ޝިމާންގެ ހަށިގަނޑު އަރިއަޅައިލި އެވެ. ނަމަވެސް މިއީ ހާލަތުގެ މައްޗަށް ގަދަވާންޖެހޭ ވަގުތުކަން ޝިމާންއަށް ވިސްނުމުން އޭނާގެ ބުއްދި އިސްކުރި އެވެ.
"އަހާން.." ޝިމާންގެ ގޮވައިލުމާއި އެ އަޑުގައިހުރި ސީރިއަސްކަން އަހާން ހަމަބިމަށް ތިރިކުރުވި ސަބަބަކަށް ފުދުނެވެ. ޝިމާންގެ މޫނަށް ބަލައިލުމާއެކު އަހާންއަށް އިޝާރާތްކޮށްލީ ޝިމާންގެ މިސްރާބަށް ކަޅިހިނގާލުމަށެވެ. ފެނުނު މަންޒަރުން ލިބުނު ޝޮކްގގައި ހިތްކުދިކުދިވެ ސިކުނޑި ފަޅައިގެން ދިޔަހެން ހީވި އެވެ. ކިއާރާ އިށީންދެ އިން ގޮނޑިކައިރީގައ އޮތީ ހުސް ލެ އެވެ. އެނާ ހިނގާފައި އައި މަގުގައިވެސް ކޮންމެވެސް ވަރަކަށް ލޭތިކިތައް ހުއްޓެވެ. އަތުގައި ބާރުކޮށް އޮޅާފައިވާ ހުދު ލޭސްގަނޑުއޮތީ ލެއިން ފޯވެފަ އެވެ.
ތެދެކެވެ! ނާކާމިޔާބު ކޮންމެ ލޯތްބަކީ ލެއިން ލިޔެވިގެން ސިއްކަޖެހޭ، ފުރިހަމަވުމެއް ނެތް ގުޅުމެކެވެ. އަހާން ބޭނުންވި މިނިވަންކަމާއި އަމާންކަން ކިއާރާ ދީފި އެވެ. އަބަދަށްޓަކައި އަހާންއާއި ކިއާރާ ވަކިވީ އެވެ. ކުލައެއް ނެތް އެކަނިވެރި ހަޔާތެއްގައި ލޭގެ ރަތްކުލައިން ކިއާރާގެ ނަން ފެވުނީ އެވެ.
"ނޫން ނޫން.. ކިއާރާ ބޭބީ..! ޔޫ ކާންޓް ޑޫ ދިސް ޓު މީ..! ކިއާރާ.. ވޭކް އަޕް ބޭބީ..! ލޯހުޅުވާލަބަލަ.. ކިއާރާ..! ޔޫ ކާންޓް ލީވް މީ ލައިކް ދިސް..!" ރޮމުން ގައިހުރި ބާރެއްލާފައި ކިއާރާގެ ހަށިގަނޑުގައި އަހާން ބެއްދި އެވެ. އާދޭސްކުރަމުންދިޔައީ އަހާން ދޫކޮށް ނުދިޔުމަށެވެ. އެންމެ ފަހަރަކުނަމަވެސް ލޯ ހުޅުވާލުމަށެވެ.
"ކީއްތިކުރީ ބޭބީ...! ތިވަރުގެ ކަމެއް ތިކުރީ ކީއްވެ..؟ އަހަރެންދެކެ ރުޅިންނަމަ ކީއްވެ ހަނގުރާމައަށް ނައީ..؟ ކީއްވެ އަހަރެންނާއި ކުރިމަތިލާން ނައީ..؟ ތިވަރުގެ ސަޒާއެއް އަހަންނަށް ތި ދިނީ ކީއްވެ..؟" އަހާން ރޮމުން ޝަކުވާ ކުރި އެވެ.
ކިއާރާގެ ކަރުގައި އަޅާފައިވާ ފަށަށް އަހާންގެ ނަޒަރު ހުއްޓުނީ ކުއްލިޔަކަށެވެ. ކުދިކުދި ޖަވާހިރާއި އިތާމުތުން ގަތާލާފައިވާ ހާރު ކިއާރާގެ ކަރުގައި އެޅުވިކަން އަހާންއަށް ޔަގީނެވެ. އެކަން އެގޮތަށް ކުރުމަށްފަހު 'ބިއުޓީޝަން' އަހާންއަށް ކިއާރާގެ ފޮޓޯވެސް ފޮނުވި އެވެ. އެހެންވީއިރު، މިހާރު ކިއާރާގެ ކަރުގައި މި ފަށް މިއޮތީ ކީއްވެ ހެއްޔެވެ.؟ ފަހު ވަގުތު ކިއާރާ، އެ ހާރު ބަދަލުކުރީ ކީއްވެ ހެއްޔެވެ؟ މިއީ ހަދިޔާއެއްގެ ގޮތުގައި އަހާންގެ ފަރާތުން ކިއާރާއަށް ދިން ހަމައެކަނި ހަދިޔާ އެވެ. އާދައިގެ ހިމަ ރަން ފަށެކެވެ. ފަށުފުލުގައި ޑައިމަންޑެއް އިނަސް، ކައިވެނީގެ ހަދިޔާއަކަށް އިއްޔެ އަހާން ހަދިޔާކުރި ހާރުގެ ކުރިމަތީގައި މި ފަށަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫނެވެ. އެވަރުގެ އަގުހުރި އެއްޗަކަށް އިއްޒަތެއް ނުދީ މިވަރުގެ 'އަގުހެޔޮ އާދައިގެ' ފަށަކަށް ކިއާރާ އިއްޒަތްދިނީ ކީއްވެގެން ހެއްޔެވެ؟ އަހާން ވިސްނާލި އެވެ.
ކައިވެނީގެ ކޮންމެ ވާޖިބެއް ކިއާރާ އަދާކުރީ އެންމެ ފުރިހަމައަށެވެ. އެންމެ ކަމަކަށްވެސް އަހާންގެ ދުލުން ބަސްބުނަން ނުޖެހެ އެވެ. ހުރިހައިކަމެއް ހުންނަނީ ބަރާބަރަށް ފުރިހަމަކޮށްފަ އެވެ. ހިމޭންކަމާއެކު އަންބެއްގެ ވާޖިބު ކިއާރާ ފުރިހަމަކޮށްފި އެވެ. ލިބުނު ހަމައެކަނި ހަދިޔާގެ އަގު ވަޒަން ކޮށްފި އެވެ. އެކަމަކު ކިއާރާގެ އެދުމާއި ބޭނުންތަކާއިމެދު އަހާން ދުވަހަކުވެސް ސުވާލު ނުކުރެ އެވެ. އެފަދަ ކަމަކާމެދު ނުވެސް ވިސްނަ އެވެ.
އުނގުގައި ކިއާރާ ބާއްވާލުމަށްފަހު މޫނުގައި ދެއަތުން ހިފަހައްޓާލި އެވެ. އަހާންގެ ދެ ލޮލުން ކަރުނަ ނުހިކެ އެވެ.
"އަހަރެން ދޫކޮށްފައި ނުދޭ.. މި ދުނިޔޭގައި އަހަރެންގެ އެކަކުވެސް ނެތް.." ކިއާރާ ބޮނޑިކޮށްލަމުން އަހާން އާދޭސްކޮށްލި އެވެ.
ފެންނަމުންދިޔަ މަންޒަރާ އިވެމުންދިޔަ އަޑުތަކުން އެތައްބަޔަކު ސުވާލު އުފެއްދި އެވެ. ނަމަވެސް ހިމޭންވެފައިވާ ދެ ހަށިގަނޑުގައި ދިރުމެއް ނެތްފަދަ އެވެ. ޝިމާންއާއި އޭނާގެ ބައްޕަވަނީ މިލާ މޯޅިވެފަ އެވެ. ފެންނަމުންދިޔަ މަންޒަރަށް ބަލަން ތަންކޮޅެއް ދުރުގައި ޝިމާންގެ ބައްޕަ އިނީ ހަށިގަނޑުން ވަރު ދޫވެފަ އެވެ.
ކިއާރާގެ ނިންމުމާއި އަހާންގެ ބަސްތަކުން އިބްރަތް ލިބިގަތީ ޝިމާން އެވެ. ވެގެންމިއުޅެނީ ކީއްކަން ވިސްނިއްޖެ އެވެ. ދެއަތުން އޭނާގެ ބޮލުގައި ބާރަށް ހިފަހައްޓާލީ ހިއްވަރެއް ލިބޭތޯ އެވެ.
"މި ކައިވެނީގެ ހަފްލާ މި ނިމުނީ.. އަޅުގަނޑުމެންނަށް އާއިލީ ވަގުތުކޮޅެއް ބޭނުން.. ހުރިހައި ބޭފުޅުންވެސް ފަރީއްކުޅުއްވުމަށްފަހު އެބޭފުޅެއްގެ މަންޒިލަށް ވަޑައިގެންދެއްވުން އެދެން.." ޝިމާންގެ ބުނެލުމާއެކު މެހެމާނުން އެ ބުނުމަށް ކިޔަމަންވި އެވެ.
"ކިއާރާ... އައި ނީޑް ޔޫ ބޭބީ.. އައި ކާންޓް ލިވް ވިތްއައުޓް ޔޫ.. އޯޕަން ޔޯ އައިޒް ބޭބީ.." މަޑުމަޑުން ކިއާރާގެ ކަންފަތްބުޑުގައި ބުނަމުންދިޔަ ބަސްތައް ޝިމާންއަށް އިވުނީ އަހާންއާއި ގާތަށް ޖެހިލިވަގުތު އެވެ. ލިބުނު ޝޮކްގައި ދެ ލޯ ބޮޑުކޮށްލެވުނެވެ. އަހާންއާއި ދިމާއަށް ބަލައިލެވުނީ ޝަކުވާއިން ފުރިގެންވީ ބެލުމަކުންނެވެ.
އަހާން ދޫކޮށް ނުދިއުމަށްއެދި އޭނާ އާދޭސްކުރަމުންދިޔަ އެވެ. ނަމަވެސް ކިއާރާ އަހާންއަށް އެންމެ ބޭނުންވި ވަގުތުގައި އަހާން ފަސްދިނީ ހަގީގަތާއި ކުރިމަތިލާނެ ހިތްވަރު ނެތީތީ އެވެ. ނުވަތަ ހަގީގަތެއް ނެތް ގުޅުމެއްގެ ބިރަށް އޭނާގެ ދރިއުޅުން އާރާސސްތުކުރާން އަހާންއަށް ނޭގުނީ އެވެ. ލޯކުރިމަތީގައި ދުވަހެއް ދުވަހަކަށް ކިއާރާ ވަމުންދިޔަ ގުރުބާނީ އަހާން ދެކުނީ ކަނު ލޮލަކުންނެވެ.
އުއްމީދެއް ނެތް ދުނިޔެއެއްގައި ކިއާރާގެ ހިޔާލީ ގަނޑުވަރު ބިނާކުރީ ހިނިތުންވުމަކުން އެ ބިނާ އާރާސްތުކުރެވޭތޯ އެވެ. ނަމަވެސް ލިބުނީ މާޔޫސްކަމާއި ނާއުއްމީދެވެ. އަހާންއާއި ވަކިވުމަކީ ކިއާރާއަށް ތަހަންމަލްކުރެވޭ ވަރުގެ ރިހުމެއް ނޫނެވެ. ހެޔޮނުބައި ވަކިކުރާން ސިކުނޑިދެކޮޅުހެދިވަގުތު ކިއާރާއަށް އިހްތިޔާރުކުރެވުނީ އެންމެ ވޭންދެނިވި މިސްރާބެވެ.
"އަހާން.. މިއީ ރޯން އިންނާންވީ ވަގުތެއް ނޫން... އަވަސްކުރަންވީ ކިއާރާ ހޮސްޕިޓަލަށް ގެންދަން..! ހިނގާ ހޮސްޕިޓަލަށް..!" އަހާންގެ ކޮނޑުގައި ޖަހައިލަމުން ޝިމާން ބުންޏެވެ.
"އޯހހ.. ނޯހހހހ... ވަރަށް ގިނަ ވަގުތު ބޭކާރު ކުރެވިއްޖެ..! ކުރިން ހަނދާން ނުކޮށްދިނީ ކީއްވެ..؟ ހާރ ހޭންޑް އިޒް ބްލީޑިންގ..!! ވީ ނީޑް ޓު ރަޝް..!" ހަމަބުއްދި އައުމާއެކު އަހާން ތެޅިފޮޅެން ފެށި އެވެ.
"ކިއާރާއަށް އެއްވެސްކަމެއްވިޔަކަ ނުދޭނަން.. ކިއާރާ ނޫން އެހެން އެއްވެސް މީހަކު އަހަރެންގެ ނެތް.. އަހަރެން ކިއާރާ ސަލާމަތްކުރާނަން.." އަހާންގެ ހަރަކާތްތައް އަވަސްކޮށްލި އެވެ.
އަހާންގެ ޖީބުން ރުމާ ނަގާފައި ކިއާރާގެ އަތުން ލޭމަނާވާގޮތަށް ބާރަށް ރުމާ އައްސާލީ ކުރިން އޮޅާފައި އޮތް ލޭސްފޮތިގަނޑު އެއްފަރާތަކަށް އެއްލާލާފަ އެވެ. ދެއަތް މަތީގައި އަހާން ކިއާރާ އުފުލައިލީ ފަސޭހަކަމާއެކު އެވެ. އަވަހަށް މިސްރާބުޖެހީ އަހާންގެ ކާރާއި ދިމާއަށެވެ. އޭނާގެ ފަހަތުން ޝިމާން ދުއްވައިގަތެވެ.
"އަހާން.. ޔޫ ސިޓް ވިތް ހާރ.. އައި ވިލް ޑްރައިވް..!" ފަހަތު ސީޓަށް އިޝާރާތްކުރަމުން ޝިމާން ބުންޏެވެ.
ކިއާރާ އުގަށްލައިގެން އަހާން އިށީނީ ފަހަތު ސީޓްގަ އެވެ. ޝިމާން ކާރު ދުއްވާލީ ވީ އެންމެ އަވަހަކަށް ޓްރީ ޓޮޕް ހޮސްޕިޓަލަށް ކިއާރާ ގެންދެވޭނެ މަގު ވިސްނާފަ އެވެ.
ބާރު ސްޕީޑުގައި ކާރު ދުއްވަމުންދިޔައިރު އަހާން ބަލަމުން ގެންދިޔައީ މަޔޫސްކަމާއެކު ލޯ މަރާލާފައިވާ ހިމޭން މޫނަށެވެ. ކިއާރާގެ ހިމޭންކަން އަހާންއަށް ފާހަގަނުކުރެވުނީތީ އަމިއްލަ ހިތާއި ޝަކުވާކުރި އެވެ. ކިއާރާ ބޭނުންވާ ގޮތަކީ ކޮބައިތޯ ދުވަހަކުވެސް އަހާންއަށް ސުވާލުކުރެވިފައި ނެތުމުން އެކަމާއި މޮޔަ ހިތަށްއެރި އެވެ. ކިއާރާގެ ހާލަތުގެ ޒިންމާ ނަގަންޖެހޭ ހަމައެކަނި މީހަކީ އަހާން އެވެ. އޭނާއަށް މިރޭ ދެރަގޮތެއް ވެއްޖެނަމަ، ދުވަހަކުވެސް އަހާންގެ އަމިއްލަ ނަފުސަށް އޭނާ މައާފު ނުކުރާނެ އެވެ.
ލެއިން ފޯވެފައިވާ އަތުގައި ބާރަށް އޮޅާލާފައިވާ ރުމާލުގައި އިހުނަށްވުރެންވެސް ބާރަށް އަހާން ހިފެހެއްޓި އެވެ. އެންމެ ލޭތިއްކެއްގެ މިންވަރުވެސް އިތުރަށް އެ ހަށިގަނޑުން ބޭރުވުމަށް އަހާން ފުރުސަތެއް ނުދޭނެ އެވެ. އަމިއްލަ ހިތުގައި ޖަހަމުންދިޔަ ގަދަ ވިންދުގެ އަޑު ކާރު ދުއްވަމުންދިޔަ ޝިމާންއަށްވެސް އަޑުއިވޭނެކަން އަހާން ދެނެހުއްޓެވެ. ނަމަވެސް މިރޭ އެއިން ކަމަކަށް ވިސްނާކަށް އަހާންއަށް ފުރުސަތެއް ނެތެވެ. ކިއާރާގެ އަތް ގެނެސް އަހާންގެ ތުންފަތުގައި ޖައްސާލި އެވެ. ލޮލުން އޮހޮރޮނު ކަރުނައިގެ އަގެއް ނެތެވެ. ނަމަވެސް ކިއާރާގެ އަތުން އޮހޮރުނު ކޮންމެ ލޭ ތިއްކެއްގެ އަގު އަހާންގެ ދަރަނީގެ ގޮތުގައި އޭނާގެ ހަޔާތުގައި ކަނޑައެޅިއްޖެ އެވެ.
"ވަޓް ހޭވް ޔޫ ޑަން ބޭބީ..؟ އައި އެމް ސޮރީ.. ރިއަލީ ސޮރީ..!" ކިއާރާގެ އަތާއި މޫނާއި ލޮލުގައި އަހާން ބޮސްދިނެވެ.(ނުނިމޭ)