ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅު ހެދުމުގެ ގޮތުން އެގައުމުގެ ރައްޔިތުން ރާއްޖެ ވަނުން މަނާކުރަން މަޖިލިހަށް ހުށައެޅީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްއެވެ.
އެ ބިލް މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އޮންނަތާ ފަސް މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި 241 ކޮމިޓީގެ ނައިބު މުގައްރިރު އިބްރާހިމް ފަލާހު ވިދާޅުވީ، މި ބިލުގެ މަސައްކަތް އަންގާރަ ދުވަހު އޮންނަ އެ ކޮމިޓީގެ ބައްދަލުވުމަށް ތާވަލްކޮށްފައިވާ ކަމަށެވެ. އެދުވަހު އޮންނާނީ އެ ބިލާ މެދު ކޮމިޓީގެ މަސައްކަތް ނިންމާނެ ތާރީހެއް ކަނޑައެޅުމަށް ކަމަށް ފަލާހް ވިދާޅުވިއެވެ.
މީކާއިލް މަޖިލީހަށް ހުށަހެޅުއްވީ ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނު) ގެ އަށް ވަނަ މާއްދާގެ ހ. ގެ ހަތް ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރު ކުރުމަށެވެ.
އިސްލާހުގައި ބުނެފައި ވަނީ ރާއްޖެ އެތެރެ ނުވެވޭނެ މީހުންގެ ތެރޭގައި "އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުން (މީގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓުގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުން ވެސް ހިމެނޭ) ކަމަށެވެ.
މި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ މި ބިލް އެމްޑީޕީން ހުށައެޅީ މިހާރު އޮތް ޕީއެންސީ ވެރިކަން ވައްޓާލުމަށްކަމަށެވެ. އަދި ޔަހޫދީން ރާއްޖެއަށްް އެތެރެވިޔަ ނުދޭން ނިންމާއިރު އެއީ ﷲ ފޮނުއްވި ރަސޫލަކަށްް އިމާންވި ބައެއް ނާދެވޭނެ ގޮތަށް ނިންމާ ނިންމުމެއްކަމުން އެކަމާއި މެދު ވަރަށް ފުންކޮށް ވިސްނަންޖެހޭކަމަށްވެސް ގާސިމް ވިދާޅުވިއެވެ. މި ބަހުސްގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްވެސް ވަނީ މި މައްސަލާގައި ގޮތެއް ނިންމާއިރު ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކާގައި ނުޖެހި ވިސްނުން ތެރިކަމާއި އެކު ގޮތެއް ނިންމުމަށް ގޮވާލާފައެވެ.