ads
ސައޫދީ އަރަބިއްޔާގެ ރިޔާޒުގައި މިހާރު ކުރިއަށްދާ އަރަބި-އިސްލާމީ ސަމިޓްގައި ބައިވެރިވެވަޑައިގެންނެވި ލީޑަރުން.
ސައުދީގެ ލީޑާޝިޕްގެ ދަށުން އިސްލާމީ އުއްމަތުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ: ރައީސް
އިޒްރޭލުން ފަލަސްތީނާއި ލުބުނާނުގައި ހިންގަމުންދާ ނަސްލުހޭދު ހުއްޓުވުމަށްޓަކައި ސައޫދީ އަރަބިއްޔާގެ ލީޑަޝިޕުގެ ދަށުން އިސްލާމީ ހުރިހާ ގައުމަކުން މަަސައްކަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވައިލައްވައިފި އެވެ.
Advertisement

ފަލަސްތީނަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކާއި ޖަރީމާތަކާ ގުޅިގެން ސައޫދީ އަރަބިއްޔާ އިން އިސްނަގައިގެން އެ ގައުމުގައި ބާއްވާ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ރައީސް ވިދާޅުވީ އަނިޔާވެރި އިސްތިއުމާރާއި ހިނގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާގެ ސަބަބުން އަދަދު ނުކުރެވޭ މިންވަރަށް ގެއްލުންތައް ލިބެމުންދާ ކަމަށެވެ.

ފަލަސްތީނުގެ ގާޒާގެ އިތުރުން ލުބްނާނަށް އިޒްރޭލުން ދެމުންދާ ރަހުމް ކުޑަ ހަމަލާތަކުގެ ސަބަބުން، ފާއިތުވި އަހަރެއްހާ ދުވަހު އެކަނިވެސް ބައި ލައްކަ އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އިސްލާމީ ދުނިޔޭގެ ލީޑަރެއްގެ ހައިސިއްޔަތުން ސައޫދީއަރަބިއްޔާއިން ވަނީ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ މަގު ދައްކައިފަ، އިސްލާމީ އަދި އަރަބި ހުރިހާ ގައުމުތަކުން ވެސް ސައޫދީއަރަބިއްޔާގެ ލީޑަޝިޕުގެ ދަށުން އެކުގައި މަސައްކަތްކޮށް މާނަހުރި ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކައިގައި އިޒްރޭލަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި އެ ގައުމުތަކުގެ ސަބަބުން އިޒްރޭލުން ހިންގަމުންދާ ނަސްލުހޭދު ހުއްޓުވުމަށް ހުރަސް އެޅިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ ގޮތުން އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް އދ. ސަލާމަތީ މަޖިލިސް ނުކުޅެދިފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އަދި އޭގެ ސަބަބުން ހަނގުރާމައިގެ ކުށްތަކަށް އަދަބު ނުލިބި ނަސްލުހޭދު ހިންގުމަށް އިޒްރޭލުން ބޭނުން ކުރާ ހަތިޔާރު އެމީހުންނަށް ފޯރުކޮށްދިނުމުގެ މަގު އެމީހުންގެ މަދަދުގާރުންނަށް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ބާރުގަދަ ނުފޫޒުގަދަ ގައުމުތަކުން އަމަލު ކުރަމުންދާ ގޮތުން އެނގި ހާމަވެގެން ދަނީ ފަލަސްތީނުގެ ރައްޔިތުންގެ ފުރާނަ އާއި އެހެން އިންސާނުންގެ ފުރާނައިގެ އަގު އެއްވަރު ކަމަށް އެމީހުން ގަބޫލު ނުކުރާކަން،" ރައީސް ވިދާޅުވި އެވެ.

ވަރަށް ގިނަ ގައުމުތަކުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަމުންދާތީ އެކަމަށް މަރުހަބާ ވިދާޅުވުމާއެކު ރައީސް ވިދާޅުވީ ފަލަސްތީނާއެކު ތިބުމަކީ ބުނެލާ ބަހަކަށްވުރެ ކުރާ އަމަލުންވެސް ދައްކަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ސިޔާސީ ގޮތުންނާއި މާލީ ގޮތުން ފަލަސްތީނަށް އެހީތެރިވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އެމަނިކުފާނު ގޮވައިލެއްވި އެވެ. 

އަދި ސައުދީ އަރަބިއްޔާގެ ލީޑާޝިޕުގެ ދަށުގައި އިސްލާމީ އުންމަތް އެކަތިގަނޑަކަށްވެ މާނަހުރި ބަދަލުތަކެއް ގެނައުމަށް އެކީގައި މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އުންމަތެއްގެ ގޮތުގައި ހަރުދަނާ ފިޔަވަޅުތަކެއް މިވަގުތު ނާޅައިފިނަމަ ތާރީހު ވަރަށް ހަރުކަށިކޮށް މިއަދުގެ ޖީލާމެދު ނިޔާކަނޑައަޅާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް