ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ފަސް މަސް ވަންދެން ހުއްޓިފައި އޮތް އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލު ކުއްލިއަކަށް ކޮމިޓީއަށް ގެންދިޔައީ ސައުދީގައި ބޭއްވި އިސްލާމީ ގައުމުތަކުގެ ސަމިޓާ ދިމާކޮށް ކަމަށެވެ.
ޔާމީން އިތުރަށް ވިދާޅުވީ މި މައްސަލައަކީ ކޮމިޓީއެއްގައި އެހާ ގިނަ ދުވަހު ދިރާސާކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ސަރުކާރަށާއި މަޖިލީހަށް ވަގުތުން ނިންމޭނެ ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ޔާމިން މިހެން ވިދާޅުވިއިރު، އިޒްރޭލް ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ނިންމަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިދިޔަ މޭ މަހު ހުށަހެޅުއްވި މި ބިލަކީ ރާއްޖޭގެ އިގްތިސާދަށް އަސަރުކުރާނެ ބިލެއް ކަމަށް ބުނެ، އިތުރު މަޝްވަރާތަކެއް ކުރަން ޖެހޭ ކަމަށް ކޮމިޓީގެ މެންބަރުން ވަނީ ފާހަގަކޮށްފަ އެވެ.