ދައުލަތުން އަންނަ އަހަރަށް ލަފާކޮށް މަޖިލިހަށް ހުށައަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގެ ބަހުސް މިހާރު މަޖިލީހުގައި ފެށިފައިވާއިރު، ބަޖެޓަށް ވާހަކަ ދައްކަން ބޭނުންވާ ހުރިހާ މެމްބަރުން ވާހަކަ ދައްކާ ނިމެންދެން މިއަދުގެ ޖަލްސާ 11 ޖަހަންދެން ކުރިޔަށް ގެންދިޔުމަށް ފާސްކުރީ 52 މެމްބަރުންގެ ތާއީދުންނެވެ. އެކަމަކު މެންދުރު ދޭއްވެސް ނުޖަހަނީސް ޖަލްސާ ނިންމާލީ މިއަދަށް ބަހުސް ކުރާނެ މެންބަރަކު ނެތް ކަމަށް ރިޔާސަތުން އިއުލާން ކުރެއްވުމަށް ފަހުއެވެ.
ބަޖެޓްގެ ބަހުސްތައް މަޖިލީހުގައި ފެށީ އިއްޔެއެވެ. އެހެންނަމަވެސް ބަޖެޓް ތަފްސީލު ފޮތް ލިބުމުގައި ލަސްތަކެއްވުމުން ބަޖެޓް ފޮތަށް އަހަލުވެރިވުމަށް އިއްޔެ ޖަލްސާގައި ބަހުސް މާ ގިނައިރު ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ. މާދަމާވެސް ބަހުސް ކުރިޔަށް ގެންދަން މަޖލީހުގެ ޖަލްސާ ބާއްވަން ވަނީ ނިންމާފައެވެ. ބަޖެޓަށް ބަހުސްކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓް ދިނުމަށް މަޖލީހުގެ އާއްމު ކޮމެޓީން ވަނީ ނިންމާފައެވެ.
ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓާރު މުސާ ޒަމީރު ވިދާޅުވީ އަންނަ އަހަރުގެ ބެޖެޓުގައި ހަރަދުގެ ގޮތުގައި ހިމެނެނީ 49.2 ބިލިއަން ރުފިޔާކަމަށެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާކަމަށް ޒަމީރު ވިދާޅުވިއެވެ. މީގެ އިތުރުން ބަޖެޓްގައި ދަރަނި ދެއްކުމަށް 3.9 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމަށް 378 މިލިއަން އަދި ލޯނު ދޫކުރުމަށް 3.2 ބިލިއަން ވަނީ ކަނޑައަޅާފައެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނިންމަން ބަޖެޓް ދިރާސާކުރާ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.