މީޑިއާ ރެގިއުލޭޓްކުރަން މިހާރު އޮންނަ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވާލާ އެއްކޮށްލަން 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު'ގެ ނަމުގައި މަޖިލިހަށް ބިލެއް ހުށައެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރުއެވެ.
މި ބިލް މަޖިލިހަށް ހުށައެޅުމުން ނޫސްވެރިންނާއި ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިކަމާއި ގުޅިގެން އިދިކޮޅު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ކޮންޓްރޯލް އޮންނަ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފައްދައި އެ ކޮމިޝަނަށް ގިނަ ބާރުތަކެއް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހިމަނާފައިވާ ކަންކަމާ މެދު އެޕާޓީން ކަންބޮޑުވާކަމަަށެވެ.
އަދި މި ބިލު އަމިއްލަ މެމްބަރެއް ލައްވާ ހުށައެޅުއްވީ ސަރުކާރުގެ މަކަރުވެރީ ރޭވުމެއްގެ ތެރެއިން ސަރުކާރުން އަޑީގައި އޮވެގެންކަމަށް އެމްޑީޕީން ބުނެއެވެ.
" އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލުމަށް ސަރުކާރުގެ ވިސްނުން ހުރިކަން ބަންޑާރަ ނައިބު ހާމަކޮށްފައި ވަނިކޮށް މި ބިލު އަމިއްލަ މެމްބަރެއް ލައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ މަކަރުވެރި ރޭވުމެއްގެ ތެރެއިން ކަމަށް މި ޕާޓީން ދެކެމެވެ. މިއީ މީޑިއާގެ މިނިވަންކަން ކަފުން ކުރުމަށް ސަރުކާރު އަޑީގައި އޮވެގެން މަޖިލީހަށް ވައްދާފައިވާ ބިލެއް." އެމްޑީޕީން ނެރުނު ބަޔާނުގައިވެއެވެ.
މި ކޮމިޝަން މެޖޯރިޓީ މެމްބަރުން އައްޔަންކުރުމުގެ ބާރު ރައީސަށް ދީ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރުވެސް ރައީސްއަށް މި ބިލުގައި ދީފައިވުމަކީ މީޑިއާތައް އަމިއްލައަށް ރެގިއުލޭޓް ކުރުމަށް އޮތް މަގު ބަންދުވެ ސަރުކާރުގެ ނުފޫޒު މީޑިއާތަކުގެ މައްޗަށް ހައްދެއް ނެތި ހިންގުމަށް ފަހިކުރާ ފުރުސަތެއް ކަމަށް ގަބޫލުކުރާކަމަށްވެސް އެމްޑީޕީން ބުނެއެވެ.
ސަރުކާރަށް ފާރަވެރިވެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެންމެ އިސް ޒިންމާއެއް އަދާކުރަނީ މީޑިއާތަކުންކަމަށާއި މީޑިއާތަކުގެ މިނިވަންކަން ގެއްލޭ ގޮތަށް ހުށަހަޅާ އެއްވެސް ގާނޫނަކަށް އެމްޑީޕީން ތާއީދު ނުކުރާނެކަމަށްވެސް އެމްޑީޕީން ނެރުނު ބަޔާނުގައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންގޮސް މީޑިއާތަކަށް ހުރަސް އެޅުމަށް ސަރުކާރުން ރާވައި ހިންގަމުންދާ އެންމެހާ ކަންކަން ހުއްޓާލުމަށްވެސް އެމްޑީޕީން ނެރުނު ބަޔާނުގައި އެޕާޓީން ވަނީ ގޮވާލާފައެވެ.
މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމަށް މިއަދު މަޖިލީހަށް ހުށަހެޅި ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެއް ނޫން ކަމަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ ވިދާޅުވެފައެވެ.