ads
އެމްއެމްއޭ
ޑޮލަރު މާރުކުރަން 173 ރިސޯޓެއް އެމްއެމްއޭގައި ރަޖިސްޓްރީ ވެއްޖެ
ބޭރުފައިސާއާ ބެހޭ ގަވާއިދުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ރާއްޖޭގައި އޮޕަރޭޓްކުރާ އެއް ރިސޯޓު ފިޔަވައި އެހެން ހުރިހާ ރިސޯޓަކުން ރަޖިސްޓަރީ ވެއްޖެ ކަމަށް މަރުކަޒީ ބޭންކުން ބުނެފިއެވެ.
Advertisement

އެމްއެމްއޭ އިން ބުނީ، ބޭރު ފައިސާއާ ބެހޭ ގަވައިދުގެ ދަށުން 173 ރިސޯޓަކުން ރަޖިސްޓްރީ ވެފައިވާ ކަމަށެވެ. މިވަގުތު ރާއްޖޭގައި ހިންގަނީ 174 ރިސޯޓެވެ.

އެ ގަވައިދަށް އަމަލުކުރަން ފެށި ދުވަހުން ފެށިގެން ޓީޖީއެސްޓީއަށް ރަޖިސްޓަރީވާ ފަރާތެއްނަމަ، އެ ފަރާތްތަކަށް ވެސް ރަޖިސްޓަރީ ވުމަށް 30 ދުވަހުގެ މުއްދަތެއް ލިބޭ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެ ގަވައިދަށް ރެޖިސްޓާ ނުވާ ރިޒޯޓާ ގުޅޭ މައުލޫމާތެއް އެ ބޭންކުން ހާމައެއް ނުކުރެއެވެ.

އެމްއެމްއޭ އިން ބުނީ ގަވާއިދާ ގުޅިގެން ބައެއް ރިސޯޓުތަކުން ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް، އަދި ޝަކުވާ ހުށަހެޅި ރިސޯޓުތަކުގެ އަދަދު ސާފެއް ނުވެ އެވެ.

މި ގަވާއިދަށް އަމަލުކުރަން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ގަވާއިދުގެ ދަށުން، ބޭރު ފައިސާއިން ލިބޭ އާމްދަނީ ޑިޕޮސިޓް ކުރުމަށް، އަލަށް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރަޖިސްޓަރީވުމަށް 30 ދުވަހުގެ މުއްދަތެއް ލިބިގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

އެ ގަވާއިދުގެ ދަށުން ޑޮލަރު މާރުކުރަން ފަށަން ޖެހޭނީ އަންނަ ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެންނެވެ. ޖެނުއަރީގައި ބޭންކަށް މާރުކުރާނީ އޮކްޓޫބަރު މަހު ރިސޯޓަކަށް އައި ޓޫރިސްޓުންގެ ބޮލަކަށް ޖެހޭ އަދަދުގެ ނިސްބަތުންނެވެ.

އެމްއެމްއޭ އިން މިހާރު އަމަލުކުރަން ފަށާފައިވާ ގަވައިދުގައިވާ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ޓީޖީއެސްޓީ ދައްކާ ފަރާތްތަކުން ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކްތައް މެދުވެރިކޮށް މާރުކުރަން ޖެހެ އެވެ.

އެގޮތުން ކެޓަގަރީ "އޭ" ގައި ހިމަނާފައިވަނީ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކެވެ. މިކެޓަގަރީގެ ތަނަކުން ހިދުމަތް ހޯދާ ކޮންމެ ޓޫރިސްޓަކަށް ބޮލަކަށް 500 ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކުރަން ޖެހެ އެވެ.

ކެޓަގަރީ "ބީ" ގައި ހިމެނެނީ ރާއްޖޭގައި މިހާރު އިތުރުވަމުންދާ ގެސްޓް ހައުސްތަކެވެ. މިތަންތަނުގައި ހުންނަ ގެސްޓުހައުސްތަކާއި އެ ރަށްރަށުގައި ހުންނަ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރިއަށް ވުރެ މަދު އަދަދެއްގެ ކޮޓަރި ހުންނަ ތަންތަނުން މާރުކުރަން ޖެހެނީ ޓޫރިސްޓަކަށް 25 ޑޮލަރު ރޭޓުންނެވެ.

މިގޮތަށް މިކަން ކުރަން ޖެހޭނީ ކޮންމެ މަހެއް ނިމި 87 ދުވަހުގެ ކުރިން ކަމަށްވެސް ގަވައިދުގައިވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް