ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަދައްކަވަމުން ހީނާ ވިދަޅުވީ ރާއްޖޭގއި ބޭސް ވިއްކަމުން އަންނަނީ މި ސަރަހައްދުގެ ގައުމުތަކާއި އަޅާ ކިޔާއިރު 15 ގުނަ މަތީގއިކަމަށެވެ. އެގޮތުން ބޭހުގެ ފައިދާގެ ގޮތުގައި އަގުގެ 300 އިންސައްތަ ހިމަނައިގެން ވިއްކަމުން އަންނަކަން ހިނާ ފާހަގަކުރެއްވިއެވެ.
ހީނާ ވިދަޅުވީ ބޭހުގެ އަގުތަކަށް ސަރުކާރުން ގެނައި ބަދަލުތައް ބޭސް ވިއްކާ ގިނަ ފިހާރަތަކުން ބަލައިގެން ނަމަވެސް ބައެް ތައްތަނުން އަދިވެސް އެކަމާއި ދެކޮޅު ހަދަމުން އަންނަކަމަށެވެ.
ބޭހުގެ އަގަށް ސަރުކާރުން ގެނައި ބަދަލާއެކު މިހާރު 10 ބޭހެއް ރާއްޖެ އެތެރެކޮށް އެތަކެތި ވިއްކަމުން އަންނަކަންވެސް ހީނާ ވަނީ ފާހަގަކުރައްވާފައެވެ.
އާސަންދައިގެ ދެމެހެއްޓެނެވިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އެންމެ ގިނައިން ދޫކުރާ 250 ބޭހުގެ އަގަށް ބަދަލުގެނައުމަށް އާސަންދައިން ވަނީ ނިންމާފައެވެ. އަދި މި ބަދަލު ގެންނާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި، އެގޮތުން އަންނަ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 87 ބޭހެއްގެ އަގަށް ބަދަލުގެންނާނެ ކަމަށް ބުނެފައިވެ އެވެ. އަދި ނޮވެންބަރު 24 އިން ފެށިގެން އިތުރު 126 ބޭހެއްގެ އަގު ބަދަލުކުރާނެ ކަމުގައި އެންސްޕާއިން ބުނެއެވެ.