ads
ގެދޮރު ލޯނަށް އިކުއިޓީ ދޭ ޕްރޮގްރާމްގެ އެމްއޯޔޫއެއްގައި ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން. - ފޮޓޯ: ހައުސިން މިނިސްޓްރީ
ގެދޮރު ގަތުމާއި، އިމާރާތް ކުރަން އިކުއިޓީއަށް އެދެން ނޮވެމްބަރުގައި ހުޅުވާލަނީ
ގެދޮރު އެޅުމަށާއި ގަތުމަށް ބޭންކުތަކުން ދޫކުރާ ލޯނުތަކަށް ދައްކަންޖެހޭ އިކުއިޓީ ދެއްކުމަށް ސަރުކާރުން މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ "ހެލްޕް ޓު ބިލްޑް" އާއި "ހެލްޕް ޓު ބައި" ސްކީމަށް ކުރިމަތިލުމަށް އަންނަ މަހު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
Advertisement

ހައުސިން މިނިސްޓްރީން ހިންގާ ނެޝަނަލް ހޯމް އޯނާޝިޕް ޕްރޮގްރާމުގެ ދަށުން ތައާރަފުކޮށްފައިވަނީ އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގައި އާއިލާތަކަށް ކުރިމަތިވާ އެންމެ ބޮޑު ހުރަސް ކަމަށްވާ އިކުއިޓީ ހަމަޖައްސައިދިނުމަށް އެކުލަވާލާފައިވާ ދެ ސްކީމެކެވެ.

މި މަޝްރޫއު ތަންފީޒުކުރަން މިދިޔަ ހަފްތާގައި ސަރުކާރުން ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.

ގިނަ އާއިލާތަކަކަށް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މަހުން މަހަށް ދައްކަންޖެހޭ ލޯނުގެ އިންސްޓޯލްމަންޓް ނޫން ކަމަށާއި، އެއީ ބޭންކުތަކަށް އެންމެ ފުރަތަމަ ދައްކަންޖެހޭ ޑައުންޕޭމަންޓް ނުވަތަ އިކުއިޓީ ފައިސާ ހަމަޖެއްސުން ކަމަށް ވިދާޅުވެ، އެކަމަށް އެހީތެރިވުމަށް ސަރުކާރުން ތައާރަފްކުރާ ދެ ސްކީމެއްގެ ތަފްސީލު މުއްޠަލިބު މިވަނީ ހާމަކުރައްވާފަ އެވެ.

މިނިސްޓަރު މުއްޠަލިބު ލިންކްޑްއިންގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމުގެ ދަށުން، "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ގެ ނަމުގައި ހިންގާ ދެ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ނޮވެމްބަރު މަހު ހުޅުވާލާނެ ކަމަށެވެ. މިއީ ރައްޔިތުންނަށް ދޭ ހިލޭ އެހީއެކެވެ.

މި ސްކީމްތައް ތަންފީޒުކުރުމަށްޓަކައި މި ހިނގާ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު މާލީ ހަތަރު އިދާރާއަކާއެކު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އެވެ.

ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު އެފޯޑަބަލް ހައުސިން އިންސްޓިޓިއުޓުން މިނިސްޓްރީއަށް އެކުލަވާލަދިން "މޯލްޑިވްސް އެފޯޑަބަލް ހައުސިންގ ރިފޯމް ސްޓަޑީ" އާ ހަވާލާދެއްވައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ދިރާސާކުރެވުނު އާއިލާތަކުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ގޭބިސީތަކުގައި އެއްވެސް ވަރަކަށް ފައިސާ ރައްކާކުރެވިފައެއް ނެތެވެ. އަދި މަހަކު 3،000 ރުފިޔާއަށް ވުރެ އިތުރަށް ސޭވް ކުރެވެނީ ދިހަ އާއިލާއިން އެއް އާއިލާއަށެވެ. މިސާލަކަށް 2 މިލިއަން ރުފިޔާގެ ފްލެޓެއް ގަންނަން 20 ޕަސެންޓުގެ އިކުއިޓީ ހަމަކުރުމަށް މަހަކު 3،000 ރުފިޔާ ރައްކާކުރާ އާއިލާއަކަށް 10 އަހަރު ދުވަސް ނަގައެވެ. ސަރުކާރުގެ މި ސްކީމްތަކަކީ އެ އުނދަގޫ ފޫބައްދައިދޭނެ ވަސީލަތެކެވެ.

"ހެލްޕް ޓު ބިލްޑް" ސްކީމް

މި ސްކީމަކީ އަމިއްލަ ބިން އޮވެ، ގެދޮރު އެޅުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ހާއްސަ ސްކީމެކެވެ. މި ސްކީމުގެ ދަށުން ސަރުކާރުން 200،000 ރުފިޔާއާ ހަމައަށް ހިލޭ އެހީ ދޭނެއެވެ. މިއީ 1 މިލިއަން ރުފިޔާގެ ލޯނަކަށް ބޭނުންވާ 20 ޕަސެންޓުގެ އިކުއިޓީއެވެ. ފުރަތަމަ ފިޔަވަހީގައި މި ފުރުސަތު އޮތީ މާލެއާއި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށެވެ. (ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅު ކުރިއަށް އޮތް ފިޔަވަހިތަކުގައި ހިމެނޭނެ އެވެ.)

މާލޭގައި އެއް ބިމެއްގައި ގިނަ ވާރުތަވެރިން ގެ އަޅާނަމަ، ކޮންމެ ވެރިއަކަށް 200،000 ރުފިޔާގެ މަގުން، އެއް ބިމަކަށް ޖުމްލަ 1 މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުގެ އެހީ ލިބޭނެ އެވެ. އަދި އަޅާ އިމާރާތުގެ ބައެއް ވިޔަފާރިއަށް ބޭނުންކުރުމުގެ ހުއްދަ އޮންނާނެ އެވެ.

"ހެލްޕް ޓު ބައި" ސްކީމް

މިއީ އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ސްކީމެކެވެ. ސަރުކާރުގެ އެފޯޑަބަލް ހައުސިން ޕްރޮގްރާމުގެ ދަށުން އަތޮޅުތަކުގެ ރަށްރަށުގައި ޕްރައިވެޓް ޑިވެލޮޕަރުން އަޅާ 1.5 މިލިއަން ރުފިޔާގެ އަގުހުރި ގެދޮރު ގަތުމަށް ސަރުކާރުން 250،000 ރުފިޔާއާ ހަމައަށް އެހީތެރިކަން ދޭނެ އެވެ. މި ފައިސާ ބޭންކު މެދުވެރިކޮށް ސީދާ ޖަމާވާނީ ޑިވެލޮޕަރަށެވެ. މިއާއެކު، 20 ޕަސެންޓް ޑައުންޕޭމަންޓް ދައްކަންޖެހޭ ގެއަކަށް އާއިލާއިން އަމިއްލައަށް ދައްކަންޖެހޭ އަދަދު 300،000 ރުފިޔާއިން 50،000 ރުފިޔާއަށް ކުޑަވެގެންދާނެއެވެ.މާލޭގައި ފްލެޓް ގަންނަ ފަރާތްތަކަށް މި އެހީ ކުރިއަށް އޮތް ފިޔަވަހިތަކުގައި ފުޅާކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ސިޔާސަތު ހިޔާރުކުރި ސަބަބުތައް ބަޔާންކުރައްވަމުން މުއްތަލިބު ވިދާޅުވީ، ސަރުކާރުން ހަމައެކަނި އިމާރާތްކޮށްގެން ގެދޮރުވެރިކަމުގެ ވައުދު ފުއްދުމަކީ ދަތިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ. ސަރުކާރުން އެއް ގެ އެޅުމަށް ހިނގާ ހަރަދުން، މި މޮޑެލްގެ ދަށުން ގާތްގަނޑަކަށް 5 އާއިލާއަކަށް ގެދޮރުވެރިވުމުގެ އިކުއިޓީ ހަމަޖައްސައިދެވޭނެއެވެ. އަދި މިއީ އެއްފަހަރު ދޭ އެހީއަކަށް ވުމުން، ދައުލަތުގެ ބަޖެޓުން 20 ނުވަތަ 25 އަހަރު ވަންދެން ފައިސާ ތާށިވެފައި ނުހުންނާނެ ކަމަށްވެސް ފާހަގަކުރެއްވި އެވެ.

މި އެހީއަކީ ލޯނެއް ނޫން ކަމަށާއި އަނބުރާ ދައްކަން ނުޖެހޭ ހިލޭ އެހީއެއް ކަމުގައި ވިޔަސް، މި ސްކީމްގެ ދަށުން ލިބޭ ގެދޮރު 20 އަހަރު ވަންދެން ނުވިއްކޭނެ ކަމަށް ޝަރުތުކޮށްފައިވެއެވެ. މިއީ ވިޔަފާރި އުސޫލުން އަވަސް ފައިދާ ހޯދުމުގެ ބަދަލުގައި އާއިލާތަކަށް ދާއިމީ ބޯހިޔާވަހިކަން ކަށަވަރުކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.

ހައުސިންގ މިނިސްޓްރީން ވަނީ މި ސްކީމްތަކުގެ ޝަރުތުތަކާއި ކުރިމަތިލާނެ ގޮތުގެ ތަފްސީލު އަންނަ މަހު އާންމުކުރާނެ ކަމަށް ބުނެފައެވެ. އެހެންކަމުން، މި ސްކީމްތަކަށް އެދެން ބޭނުންވާ ފަރާތްތަކުން ބިމުގެ ލިޔެކިޔުންތައް ހަމަކުރުމަށާއި، ބޭންކުތަކާ ވާހަކަދައްކައިގެން ތައްޔާރުވަމުން ދިޔުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

މީގެ ކުރިން ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މި ޕްރޮގްރާމުގެ ދަށުން އެހީ ލިބޭނީ، އެހީއަށް އެދޭ މީހާގެ ނަންމަތީގައި އިމާރާތްކޮށްފައިވާ އެހެން އެއްވެސް ބިމެއް ނުވަތަ ގޯއްޗެއް ނެތް ނަމައެވެ. އަދި އިމާރާތްކުރާ ބިމަކީ އެހީއަށް އެދޭ މީހާ ނުވަތަ މީހުންގެ އަމިއްލަ މިލްކަކަށް ވާންޖެހޭނެ އެވެ.

އެ ލޯނު މައިގަނޑު ގޮތެއްގައި ދިރިއުޅޭނެ ގެއެއް އެޅުމަށް ބޭނުންކުރަން ޖެހުނު ނަމަވެސް، އިމާރާތުގެ ބައެއް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ހުއްދަ ލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް