ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް އަންނަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.
އެ ވިއްސާރައިގައި ލިބޭ ގެއްލުންތަކާ ގުޅޭ ގޮތުން އެންޑީއެމްއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ކުޅުދުއްފުށި ސިޓީގައި ހަތް ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި، ފެން ބޮޑުވުމުގެ ސަބަބުން އެ ސިޓީގެ 18 ގެއަކުން 140 އަށްވުރެ ގިނަ މީހުން ދެ ސުކޫލަކަށް ވަގުތީގޮތުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން އެ އޮތޯރިޓީން ހާމަކުރި އެވެ.
ހދ. އަތޮޅުގެ އެހެން ރަށްތަކާ ގުޅޭ ގޮތުން އެންޑީއެމްއޭއިން ބުނި ގޮތުގައި، ނޮޅިވަރަމްގެ 95 އިންސައްތަ ގޭގައި ފެންބޮޑުވެ، މީހުން އެހެން ގެތަކަށް ބަދަލުވަމުންދެއެވެ. އެ ރަށުގައި އެއް ޕަންޕުގެ އެހީގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.
އެންޑީއެމްއޭ އިން ވިދާޅުވީ ހދ. އަތޮޅުގެ ރަށްތަކުގެ އިތުރުން ހއ. އަތޮޅުގެ ބައެއް ރަށްތަކުގައި ވެސް ފެން ބޮޑުވެފައިވާ ކަމަށެވެ. ނަމަވެސް ހއ. ދިއްދޫ ފިޔަވައި އެހެން އެއްވެސް ރަށެއްގެ ގެއަކަށް ގެއްލުމެއް ނުވެއެވެ. ދިއްދޫގެ އެއް ގެއަށް ގެއްލުން ލިބިފައިވާ ކަމަށްވެއެވެ.
ޅ. ނައިފަރުގެ 16 ގެއަކަށް ފެން ވަދެ ގެއްލުންވިއިރު، ދެ ގެއަކުން މީހުން ބަދަލުކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ. ހާލުގައި ޖެހުނު މީހުންނަށް ތިން ދުވަހުގެ ކެއުމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.