އާސަންދައާއި އެންސްޕާގެ ނިޒާމަށް ގެންނަ ބަދަލުތަކާ އެކު، ގާތްގަނޑަކަށް 500 މިލިއަން ރުފިޔާ ސަރުކާރަށް ސަލާމަތް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

Advertisement
ރައްޔިތުންގެ މަޖިލީހުގައި އަންނަ އަހަރުގެ ބަޖެޓް ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ރިފޯމްތަކަކީ މިހާރު ރައްޔިތުންނަށް ލިބޭ އެއްވެސް އެއްޗެއް ހުއްޓާލުމަށް ގެންނަ ބަދަލުތަކެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިހާރު ހުރި ލީކޭޖްތައް ހުއްޓުވުމަށް ގެންނަ ބަދަލުތަކެއް ކަމަށް އެ މިނިސްޓަރު ވިދާޅުވި އެވެ.
"ރައްޔިތުންނަށް މިހާރު ލިބޭ އެއްޗެއް އެއްކޮށް ހުއްޓައިލުން ނޫނިއްޔާ ބަދަލެއް ގެނައުމެއްވެސް ނޫން. މި ރިފޯމްގެ ކުރިން ބައެއް ބޭފުޅުން ހަމަ ވާހަކައިގައި ވިދާޅުވިހެން ވަރަށް ބޮޑު ވޭސްޓްފުލްކޮށް އެބަހުރި ނޫނީ ލީކޭޖް އެބަހުރި. އެކަންތައް ރަނގަޅުކޮށްގެން ހަމަ ކުރިޔަށް ގެންދިޔުން މިއޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރު ޕެންޝަންގެ ގޮތުގައި ލިބޭ އެއްޗަކަށް ވެސް ބަދަލެއް ނާންނާނެ ކަމަށެވެ. ނަމަވެސް މުސްތަގުބަލުގައި ޑަބަލް ޕެންޝަން ލިބޭ ގޮތަށް މިހާރު އޮތް އުސޫލަށް ބަދަލު އަންނާނެ ކަމަށް އެ މިނިސްޓަރު ވިދާޅުވި އެވެ.
- އާސަންދައާއި އެންސްޕާ ރިފޯމްކޮށްގެން 500 މިލިއަން ރުފިޔާ ސޭވްކުރެވޭނެ
- މިހާރު ލިބޭ އެއްވެސް އެއްޗަކަށް ބަދަލެއް ނާންނާނެ
- މިހާރު ހުރި ލީކޭޖްތައް ހުއްޓުވުމަށް މަސައްކަތްކުރާނެ
- މުސްތަގުބަލުގައި ޑަބަލް ޕެންޝަން ލިބޭ އުސޫލަށް ބަދަލު އަންނާނެ