ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީގައި ހިމަނަން ޕީއެންސީ މަޖިލީހަށް ހުށައަޅަން މި ނިންމީ މަޖިލީހުގެ މެންބަރުކަމަށް ހޮވޭ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ މެމްބަރުކަމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބުނާ އެންޓި ޑިފެކްޝަން ގާނޫނުގައި ބުނާ މާއްދާ ބާތިލް ކުރަން އަމިއްލަ ފަރާތަކުން ހައިކޯޓަށް މައްސަލަ ވައްދާފައި ވަނިކޮށެވެ.
އެނގިފައިވާ ގޮތުގައި މާދަމާ މި އިސްލާހު މަޖިލީހަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.
އެންޓި ޑިފެކްޝަން ގާނޫނު ބުނާގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން މަޖިލީހަށް ހޮވުމަށްފަހު އެ ދައުރެއްގެ ތެރޭގައި އެޕާޓީގެ މެމްބަރުކަމުން އިސްތިއުފާ ދީފި ނަމަ، ހަތް ދުވަހުގެ ތެރޭގައި މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށެވެ.
ގާނޫނު ބުނާގޮތުން އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ސޮއިކުރުމުންވެސް ހަތް ދުވަހުގެ ތެރޭގައި މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާ ދޭންޖެހޭނެކަމަށެވެ. އަދި ޕާޓީއަކުން އެ މެމްބަރަކު ވަކިކޮށްފި ނަމަވެސް އިސްތިއުފާ ދޭންޖެހެއެވެ.
ގާނޫނުގެ މި ބައި ބާތިލްކުރަން ހުށައެޅި މައްސަލާގައި ބުނެފައިވަނީ ޕާޓީ ބަދަލުކޮށްފި މެމްބަރަކަމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ގާނޫނުގައި ބުނާ ބުނުން ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.