އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް އެކިއެކި ޕްރޮގްރާމްތައް ހިންގުން ފަހިކުރުމަށްޓަކައި މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަދި ވިލާ ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ގްރޫޕް އާއެކުއެވެ.
މި އެއްބަސްވުމުގައި ހަޔާ އެޑުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާއެވެ. އެމްއޭސީއެލް ގެ ފަރާތުން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ފަރާތުން މެނޭޖިން ޑިރެކްޓާ އަބްދުލް މަތީން މުހައްމަދު، އަދި ވިލާ ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ގްރޫޕް ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ޑިރެކްޓާ އޮފް ލަރނިން އެންޑް ޑެވެލޮޕްމަންޓް ހަސަން ޝަމާމުއެވެ.
މި އެއްބަސްވުންތައް ތަންފީޒު ކުރެވިގެންދާނީ ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބާ ސާވިސަސް (ސެއިލްސް) ޕްރޮޖެކްޓްގެ ދަށުން މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތައް ގުޅުވާލަދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ.
މި އެއްބަސްވުމުގައި، ބައިވެރިންނާއި އެކު އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރޭ ހިމެނެނީ :
ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ ސެއިލްސް ޕްރޮޖެކްޓުން ހިންގާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ މަސައްކަތުގެ ބަޒާރުގައި ހަރަކާތްތެރިވާ ދިވެހިންނަށް ވަޒީފާއަށް ބޭނުންވާ މުހިއްމު ހުނަރުތައް ދަސްކޮށްދިނުމަށް މަގުފަހިކޮށްދިނުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ.
އޭގެއިތުރުން ހާއްސައެހީއަށް ބޭނުންވާ ފަރާތްތައް ވަޒީފާގެ ބާޒާރުގައި އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވާ ހިންގުމާއި އެ މަސައްކަތްތަކުގެ ތެރެއިން ނެޝަނަލް ކެރިއާސް ސާވިސް ތަރައްގީކޮށް މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތައް ގުޅުވާދޭ ޕްލެޓްފޯމްގެ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރެވިގެންދާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.