ބާ ކައުންސިލުން ބުނީ އެ އިސްލާހާ ގުޅިގެން ގާނޫނީ ދާއިރާގެ ފަރާތްތަކާއި އާންމު މެންބަރުންގެ ކަންބޮޑުވުންތައް ހުރި ކަމަށެވެ. އަދި އެ އިސްލާހަށް ހިޔާލު ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ދިނުމަށް މަޖިލީހުގައި އެދިފައިވާ ކަމަށް ވެސް ބުންޏެވެ.
ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ވަކި ޕާޓީއަކުން މަޖިލިހަށް އިންތިހާބުވުމަށް ފަހު އެ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި އަމިއްލަ ގޮތުން ކުރިމަތިލައިގެން ހޮވޭ މެންބަރަކު ޕާޓީއަކާ ގުޅުނަސް ގޮނޑި ގެއްލޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެ އެވެ.
މި އިސްލާހަށް މިއަދު މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ތާއީދު ކޮށްފަ އެވެ. އަދި މި އިސްލާހާ މެދު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނީ މިއަދު ހަވީރު އެވެ.