ads
ކޮރޯނާ ވައިރަސްގެ ސަބަބުން މީސެލްސް އައުޓްބްރޭކެއް އައުން އެކަށީގެންވޭ
ކޮވިޑް-19 ބަލިމަނޑު ކަމުގެ ސަބަބުން ވެކްސިން ޕްރޮގްރާމްތައް ލަސްވެ މީސެލްސް އައުޓްބްރޭކަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ކަމާ ބެހޭ މާހިރުން ލަފާކޮށްފިއެވެ.

ޔުނައިޓެޑް ނޭޝަންސް އިންޓަނޭޝަނަލް ޗިލްޑްރެންސް އެޑިއުކޭޝަން ފަންޑް (ޔުނިސެފް) އިން ވަނީ 37 ގައުމަކުން 117 މިލިއަން ކުޑަކުދިންނަށް ބަލިޖެހުމުގެ ކުރިން ވެކްސިން ނުދެވޭނެކަމަށް ލަފާ ކޮށްފައެވެ.

މިހާރުވެސް މީސެލް އައުޓްބްރޭކްތައް އައިސްފައިވާ 24 ގައުމަކުން ވަނީ ކޮވިޑް-19 ގެ ސަބަބުން މީސެލްސް ވެކްސިން ދިނުން މަޑު ޖައްސާލާފައެވެ. އެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ އިރު އެ ގައުމުތަކުގެ އިތުރުން އެހެން ގައުމުތަކަށް ވެސް މި ބަލީގެ އައުޓްބްރޭކެއް އައުން އެކަށީގެންވާ ކަމަށް ޔުނިސެފް އިން ވަނީ ލަފާކޮށްފައެވެ.

އެ 24 ގައުމުތަކުގެ ތެރޭގައި ހިމެނޭ އަނެއް 23 ގައުމަކީ، ބަންގްލަދޭޝް، ބްރެޒިލް، ބޮލީވިއާ، ކެމްބޯޑިއާ، ޗަޑް، ޗިލީ، ކޮލޮމްބިއާ، ޑިޖިބޯޓީ، ދަ ޑޮމިނިކަން ރިޕަބްލިކް، ރިޕަބްލިކް އޮފް ކޮންގޯ، އިތިއޯޕިއާ، ހޮންޑޫރަސް، ކަޒަކަސްތާން، ކިރިގްސްތާން، ލެބަނާން، މެކްސިކޯ، ނޭޕާލް، ނައިޖީރިއާ، ޕެރެގުއޭ، ސޯމާލިއާ، ދެކުނު ސޫދާން، ޔޫކްރެއިން އަދި އުޒްބަކިސްތާން އެވެ.

އިނގިރޭސިވިލާތުގެ ނޫސްތައް ބުނާގޮތުން އެގައުމުން މިހާރު ވަނީ މީސެލްސް ކޭސްތައް އަނެއްކާވެސް ފެންނަން ފަށާފައެވެ.

ޔޫރަޕްގެ ގައުމުތަކުން މީސެލްސް ފެންނަން ފަށާފައިވާއިރު އެމްއެމްއާރް ވެކްސިން ދެވޭ މިންވަރު ވަނީ ދައްވެފައެވެ. މީސެލްސް އިން ރައްކާތެރިވުމަށް އެމްއެމްއާރް ވެކްސިންގެ ދެ ޑޯޒް ދެފަހަރު މަތިން ޖަހަން ޖެހޭއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ އިނގިރޭސިވިލާތުގައި ވެސް ފަސް އަހަރުން ދަށުގެ 95 އިންސައްތަ ކުދިންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައި ވީނަމަވެސް ދެވެނަ ޑޯޒް ލިބިފައި ވަނީ 87.4 އިންސައްތަ ކުދިންނަށް ކަމަށް ބުނެފައެވެ.

މީސަލްސް އަކީ ފަސޭހައިން ފެތުރޭ ބައްޔެއް ކަމުން، ވެކްސިން ދެވޭލެއް ކުޑަ އިންސައްތަ އަކުން ދައްވިއަސް ބަލި ފެތުރިގެން ދިއުމުގެ ބިރު އޮވެ އެވެ.

ޔުނިސެފް އިން ވަނީ ކޮވިޑް-19 ގެ ސަބަބުން ވެކްސިން ދެވުން ލަސްވެފަ ވީނަމަވެސް އެމްއެމްއާރް ވެކްސިން ނުދެވި ތިބި ކުދިން ދެނެގަނެ އެ ކުދިންނަށް ވެކްސިން ދިނުމަށް ގައުމުތަކަށް އިލްތިމާސް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް