ads
ބޭރު ފައިސާ އާއި ބެހޭ ބިލު ހިޔާލަށް ހުޅުވާލައިފި، ޑޮލަރު މާރުކުރުމަށް ލުއިތަކެއް
ފަތުރުވެރިކަމުގެ ދާއިރާއަށް ލުއިތަކެއް ދީ ބޭރު ފައިސާ އާއި ބެހޭ ބިލު ހިޔާލަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ހުޅުވާލައިފި އެވެ.
Advertisement

އެމްއެމްއޭ އިން އާންމުންގެ ހިޔާލަށް ހުށަހެޅި "ބޭރު ފައިސާއާބެހޭ ބިލް" ގައިވާ ގޮތުން ވެސް ޓޫރިޒަމް ދާއިރާގެ ހުރިހާ ވިޔަފާރިތަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކްތައް މެދުވެރިކޮށް މާރުކުރަން ޖެހޭނެ އެވެ.

ބިލުގައި ބުނަނީ، ރިސޯޓުތައް ހިމެނޭ ކެޓަގަރީ އޭގެ ޓޫރިސްޓު ފެސިލިޓީތަކުން ޑޮލަރު މާރުކުރަން ޖެހޭނީ ބޭރުފައިސާގެ އާމްދަނީން %25 އަށް ވުރެ ބޮޑުނުވާ ގޮތަށް ކަމަށެވެ.

މީ ގެކުރިން ގަވާއިދު އޮތް ގޮތުން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން ޖެހޭނެ އެވެ. އޭރު އޮތް ގޮތުން މާރުކުރަން މަޖުބޫރުކުރުވާއިރު ރިސޯޓުގެ އާމްދަނީއަށް ބިނާކޮށް އެއްވެސް އިސްތިސްނާއެއް ނުލިބެ އެވެ.

މިހާރު އޮތް ގަވައިދާ ގުޅޭ ގޮތުން ޓޫރިޒަމް ދާއިރާއިން ފާޅުކުރާ ކަންބޮޑުވުންތަކާ ގުޅުން ހުރި ބައެއް ބަދަލުތައް ބިލުގައިވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ އަހަރެއްގެ ތެރޭގައި 20 މިލިއަން އެމެރިކާ ޑޮލަރަށް ވާ އަދަދަށް ބޭރު ފައިސާ ލިބޭ ވިޔަފާރިތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރުމެވެ. އެއީ ބޭރު ފައިސާގެ އާމްދަނީގެ 25 ޕަސެންޓަށް ވުރެ ބޮޑުނުވާ ގޮތަށް، ހަދާ ގަަވައިދެއްގެ ތެރެއިން މާރުކުރަން ޖެހޭ ގޮތަށެވެ.

މި ހާލަތުގެ ދަށުން އިސްތިސްނާވާ ފަރާތްތައް ވެސް ބިލުގައި ވަނީ ކަނޑައަޅާއިފަ އެވެ. އެއީ:

  • 24 ގަޑިއިރު ހޭދަނުކުރާ ޓޫރިސްޓުން
  • ދެ އަހަރުން ދަށުގެ ކުޑަކުދިން
  • ހިލޭ ނުވަތަ ކޮމްޕިލެމްޓަރީކޮށް ތިބޭ ފަރާތްތައް
"މި ބިލަކީ ވިޔަފާރިތަކާއި ރައްޔިތުންގެ ލާބައާއި މަންފާއާ ގުޅިފައިވާ ބިލަކަށްވާތީ ވިޔަފާރިތަކުންނާއި އާންމު ރައްޔިތުންގެ ހިޔާލު ހޯދަން ބޭނުންވެއެވެ.". އެ އިއުލާނުގައި ވެ އެވެ.

މި ގާނޫނުގައި ރާއްޖޭގައި މުއާމަލާތްތައް ކުރާނެ ފައިސާއާ ބޭރުގެ ފައިސާ އިން މުއާމަލާތް ކުރެވޭނެ އުސޫލުތަކާއި ބޭރު ފައިސާ އިން އަގު އަދާކުރުމަށް ދިވެހީންގެ މައްޗަށް ލާޒިމު ނުކުރެވޭނެ ކަން ވަނީ ބަޔާން ކޮށްފަ އެވެ. ބޭރު ފައިސާ އާއި ބޭރު ފައިސާގެ އެކްސްޗޭންޖު ރޭޓް ކަނޑައަޅާނެ ގޮތްތަކާއި ބޭރު ފައިސާގެ އާމްދަނީ ރާއްޖޭގެ ބެންކު އެކައުންޓްތަކަށް ޖަމާކުރުމާ ގުޅޭ އުސޫލުތައް ވެސް ހިމަނާފައިވެ އެވެ.

އެހެންކަމުން، މި ބިލަސް ކޮމެންޓް ކުރުމުގެ ފުރުސަތު ޑިސެމްބަރު އެއް ވަނަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އަދި ކޮމެންޓްތައް [email protected] އަށް އީމެއިލް ކުރުމަށް އެދިފައިވެ އެވެ.

އެމްއެމްއޭއިން ބޭރު ފައިސާއާ ގުޅޭ ގަވައިދުގައި ހިމެނޭ ބައެއް ކަންތައްތަކަށް ބަދަލު ގެނެސް، ބިލެއް އެކުލަވައިލީ އެ ގަވައިދާ ގުޅޭ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް އެމްއެމްއޭ އިން ބޭރު ފައިސާގެ ގަވާއިދަށް ބަދަލު ގެނައީ 1 އޮކްޓޯބަރު ގަ އެވެ. މި ގަވާއިދަށް އަމަލުކުރަން ފަށަނީ 1 ޖެނުއަރީ 2025 އިން ފެށިގެންނެވެ.

މިކަމާ ގުޅިގެން ޓޫރިސްޓު ރިސޯޓުތައް ހިންގާ ވިޔަފާރިވެރިންނާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ސިޔާސީން ވެސް ދަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފައި ވެ އެވެ. އަދި މި ގަވާއިދަށް އަމަލުކުރެވެން ނެތް ކަމަށް ވެސް 50 އަށް ވުރެ ގިނަ ރިސޯޓުން ވަނީ އެމްއެމްއޭ އަށް އަންގާފަ އެވެ.

ފަތުރުވެރިކަމުގެ ބާނީން ހިމެނޭ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން މީގެ ކުރިން ވަނީ، އެ ގަވައިދު އެކުލަވައިލީ އެ އެސޯސިއޭޝަންގެ ހުށަހެޅުންތަކަށް އިޖާބަ ނުދީ ކަމަށް ބުނެފަ އެވެ. އަދި އެ ބަދަލު ގެނައީ ކުއްލިއަކަށް ކަމުން، އޭގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ގެއްލުންވާނެ ކަމުގެ ކަންބޮޑުވުން ބައެއް ޖަމިއްޔާތަކުން ފާޅުކޮށްފައިވެ އެވެ.

އެހެންނަމަވެސް، ސަރުކާރަށް އަހަރެއް ފުރުމާ ގުޅުވައި މީގެ ހަފުތާއެއްހާ ދުވަސް ކުރިން ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކަންބޮޑުވުންތައް ހުރި ނަމަވެސް ގަވައިދު ބަދަލުނުކުރައްވާނެ ކަމަށް މީގެ ކުރިން ފާޅުގައި ވިދާޅުވެފަ އެވެ. 

83%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް