ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލު ކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިންއެވެ. އަލީ ހުސައިން މި މައްސަލަ ހުށަހެޅުއްވީ އާދިއްތަ ދުވަހުއެވެ. މި މައްސަލައިގެ ތެރެއަށް ތަދަހުއްލުވުމަށް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީން ވަނީ ހުށަހަޅައިފަ އެވެ.
އަލީ ހުސައިން ހުށަހެޅުއްވި އެ މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު، ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ދިވެހިރައްޔިތުންގެ ކިބައިގައި ދެމި އޮތުމުގެ އަސާސާއި، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ދައުލަތުގެއެންމެހައި ބާރުތައް ހިންގަންވާނޭކަމަށް ގާނޫނުއަސާސީގެ އަށް ވަނަ މާއްދާގައި އޮންނަ އަސާސާއި، ގާނޫނު ހެދުމުގެ އެންމެހައި ބާރެއް ލިބިގެންވާ ވަކި މިނިވަން ބާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ދެމި އޮތުމަށް ގާނޫނުއަސާސީގެ ފަސް ވަނަ މާއްދާއިން ކަނޑައަޅާފައި އޮތް ދުސްތޫރީ ހަމައާ ހިލާފު ކަމަށެވެ.
އެ ބަދަލު ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި، ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި، 90 ވަނަ މާއްދާއާ ވެސް ފުށުއަރާ ކަމަށް އަލީ ހުސައިން ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ. އަދި އެއީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވެގެންދާނެ އިސްލާހެއް ކަމަށް ވެސް ބުނެފައިވެ އެވެ. އެ އިސްލާހަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެން ނުވާ ބާތިލު އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، އެ އިސްލާހަށް އަމަލުކުރެވޭ މުއްދަތުގައި ވެސް، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ހިނގާނެ އިސްލާހެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް އަލީ ހުސައިން އެދިވަޑައިގެންފައިވެ އެވެ.