ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން ރައީސްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން މިއަދު ވިދާޅުވީ، ހޮޓްލައިން މެދުވެރިކޮށް ލިބުނު މައުލޫމާތުތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ގަވައިދާ ހިލާފަށް ޑޮލަރު މާރުކުރަމުންދާ 12 ބިދޭސީއެއްގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި އޭގެ ތެރެއިން ނުވަ މީހަކު މިހާރު ތިބީ ޑިޓެންޝަނުގައި ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ބިދޭސީން މުސާރަ ލިބުމުން އެ ފައިސާ ދިވެހިންގެ ނަމުގައި ހުންނަ ވިޔަފާރި އެކައުންޓުތަކަށް ޖަމާކޮށް، ކޮންމެ ދުވަހަކު ޑޮލަރަށް ބަދަލުކުރަމުންދާ ކަމަށެވެ. އަދި އެ ޑޮލަރުތައް އެއްކޮށްގެން ރާއްޖެއިން ބޭރަށް ސްމަގުލް ކުރަން އުޅެނިކޮށް ބޯޑަރުން އަތުލައިގަނެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި، އެކަމުގެ ތެރޭގައި ބިދޭސީން އުޅޭ ވަރު ވަރަށް ބޮޑުކަން ހޮޮޓްލައިނަށް ލިބޭ މައުލޫމާތުން އެނގެ އެވެ. ފުޅާ ދާއިރާއެއްގައި އެކަމުގެ ތެރޭގައި އުޅޭ 12 މީހަކާ މެދު ތަހުގީގު ހިންގަމުން އަންނަކަން ފާހަގަކުރައްވައި، އިހުސާން ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ނުވަ މީހަކު ތިބީ މިވަގުތު ވެސް ހައްޔަރުގަ އެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާއިރަށް އެ މީހުން ރާއްޖެ އަށް ގެންނަ ދިވެހިން އަންނަ ކަމަށެވެ. އެކަމަކު އިދާރާތަކުން އެ މީހުން ހައްޔަރުކުރުމުގެ ކުރިން އެ ބިދޭސީން އުޅޭ ނޫޅޭ ގޮތް ދިވެހިން ނުބަލާތީ އެކަމުގެ ކަންބޮޑުވުން އިހުސާން ފާޅުކުރެއްވި އެވެ.
ބިދޭސީން ޑިޓެންޝަނަށް ގެންދިއުމުން އެއީ ގޭގައި ގެންގުޅޭ ކައްކާއެއް ނުވަތަ ޑްރައިވަރެއް ކަމަށް ބުނެ ދިވެހިން އަންނަ އައުން ހުއްޓާލަން ޖެހޭ ކަމަށާއި، ބިދޭސީ މީހާއަށް އިހުމާލުވާ ކޮންމެ ދިވެއްސަކު 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި މިފަދަ ބޮޑެތި ޖިނާއީ ކުށްތަކުގައި ދިވެހިން ބައިވެރިނުވުމަށް އިލްތިމާސްކުރައްވަމުން، ދިވެހިންގެ ނިވާފަތްގަނޑުގައި މިފަދަ ކަންކަން ހިންގާ ނަމަ އެ ފަރާތްތަކަށްވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިނިސްޓަރު އިހްސާން ދެއްވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި ފުޅާ ދާއިރާއެއްގައި އެކަމުގެ ތެރޭގައި އުޅޭ މީހުން ހޯދާނެ އެވެ. އަދި ދިވެއްސެއްގެ ނިވާފަތްގަނޑުގައި ތިބެގެން އެކަން ކުރާ ނަމަ ދިވެހި މީހާއާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ، އިހުސާން ވަނީ އެފަދަ ކަންކަމުގައި ދިވެހިން ބައިވެރިނުވުމަށް ވެސް ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;