ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ ހަފުތާ ތެރޭގައި އެކަން ސަރުކާރުގެ އިދާރާތަކަށް ސިޓީއަކުން އަންގައިފަ އެވެ.
އެ ސިޓީގައި ވަނީ، އަންނަ ޖެނުއަރީން ފެށިގެން އަމަލުކުރަން ފަށާ އެ އުސޫލުގެ ދަށުން، ރިޓަޔާ ކުރާ މީހުންނަށް ކޮންމެ މަހަކު ލިބޭ އެލަވަންސް ދެން ނުލިބޭނެ ކަމަށެވެ. ނަމަވެސް ރިޓަޔާ ކުރާ މުވައްޒަފުންނަށް ގަނޑުކޮށް ދޭ ފައިސާ ދެމުންދާނެ ކަމަށް އެ ސިޓީގައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އެ ފިޔަވަޅު އަޅަނީ ސަރުކާރުން ހަރަދު ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
ޑަބަލް ޕެންޝަންއަކީ ސަރުކާރުގެ ރިޓަޔާމެންޓް ޕެންޝަން ސްކީމްގެ އިތުރުން، ސަރުކާރުގެ ބައެއް އިދާރާތަކުން ހިންގާ ސްކީމްތަކާ ހެދި ބައެއް މީހުންނަށް ދައުލަތުގެ ޚަރަދުގައި ދެ ޕެންޝަނެއް ލިބުމެވެ.
ރާއްޖޭގައި 2009 ގައި ތައާރަފްކުރި ރިޓަޔަމަންޓް ޕެންޝަން ސްކީމްގައި ސަރުކާރުގެ 13 އިދާރާއަކުން ހިންގާއިރު، އަންނަ އަހަރު އެ ސްކީމަށް ހަރަދުވާނެ ކަމަށް ލަފާ ކުރީ 272 މިލިއަން ރުފިޔާ އެވެ. މިއަހަރު އެ ސްކީމަށް 266 މިލިއަން ރުފިޔާ ހޭދަކުރި އިރު އަންނަ އަހަރު ރިޓަޔަކުރާ ފަރާތްތަކަށް 272 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ.
ދައުލަތުން ޕެންޝަނަށް ކުރާ ހަރަދު އަހަރަކަށްވުރެ އަހަރެއް ދަނީ ބޮޑުވަމުންނެވެ. އެގޮތުން ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އަންނަ އަހަރުން ފެށިގެން 65 އަހަރުން މަތީގެ މީހުންނަށް ދޭ 5،000ރ. ތަނަވަސް މީހުންނަށް ނުދޭން ވަނީ ނިންމާފަ އެވެ.
މިދިޔަ ޖުލައި މަހު ވޯލްޑް ބޭންކުން ވަނީ ރާއްޖެއިން ޕެންޝަން ނިޒާމު ހިންގަނީ ދެމެހެއްޓެނިވި ގޮތެއްގައި ނޫން ކަމަށާއި، ގައުމުގެ އިގުތިސާދީ މިހާރު އޮތް ވަރަށް ވުރެ ގޯސްވިޔަ ނުދިނުމަށްޓަކައި، ޑަބަލް ޕެންޝަން އުވާލަން ޖެހޭ ކަމަށް ބުނެފައެވެ.