ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ވެރިކަންކުރާ ޕީއެންސީގެ ގަމު ދާއިރާގެ މެމްބަރު ޔޫސުފް ނަޝީދުއެވެ. މި ބިލްގެ ފުރަތަމަ ކިއުން މިއަދު ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
ބިލު ހުށަހެޅި ސަބަބުގެ ގޮތުގައި ބުނެފައިވަނީ، މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އިތުރު ބާރުދިނުމާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ.
މި ބިލުގައިވަނީ ހަރުކަށި އަދަބުތަކާއި ދައުލަތުގެ އިދާރާތަކަށް އިތުރު ބާރު ލިބިދޭ އިސްލާހުތައް ހިމަނާފައެވެ. އެގޮތުން ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭނެ ހަމަތައް ވަނީ ހިމަނާފައެވެ.
އެގޮތުން ކުށްކޮށްގެން ހޯދާ މުދަލަކުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބޭ މުދާ ދައުލަތަށް ނެގޭނެކަމަށް މި އިސްލާހުގައިވެއެވެ. އޭގެތެެރޭގައި އެއިން ލިބޭ އާމްދަނީއާ ފައިދާއާއި އެހެނިހެން މަންފާވެސް ދައުލަތަށް ނެގޭގޮތަށް ވަނީ ހިމަނާފައެވެ.
ކުށްސާބިތު ނުވިޔަސް މުދާ ނެގޭނެ
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށެއްގެ ޝަރީއަތެއްގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުވެފައި ނުވިނަމަވެސް ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ އެކުށާއި ގުޅިފައިވާ ފައިސާ ނުވަތަ މުދާތައް ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކުރަން ވާނެކަމަށް ގާނޫނަށް ހުށައެޅި އިސްލާހުގައި ވަނީ ހިމަނާފައެވެ.
އެގޮތުން ކުށުގެ ދައުވާ އުފުލިއިރު މުދާ ނެގުމަށް ޕްރޮސެކިއުޓާ ޖެނެރަލް އެދިފައިވުމާއި ދައުވާ ލިބޭ ފަރާތަކީ ކުށުގެ ރެކޯޑް އޮތް މީހަކަށްވުން މި ޝަރުތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެއިތުރުން މަސްތުވާތަކެތި އުފުލަނިކޮށް ފެނުނީ އުޅަނދެއްކަމުގައި ވާނަމަ އެ އުޅަނދެއްވެސް ދަައުލަތަށް ނެގުމުގެ ބާރު އަލަށް ގެނެވޭ އިސްލާހުން ވަނީ ދީފައެވެ.
މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސް ކުރުން ބޮޑު ޖަލު ހުކަމަކާއި ޖޫރިމަނާއެއް
މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސް ކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާ އެ ކުށްކުރާ މީހަކަށް ބޮޑު އަދަބެއް މި އިސްލާހުގައިވަނީ ހިމަނާފައެވެ. އެގޮތުން މަސްތުވާތެލެތީގެ ވިޔާފަރިއަށް ފައިނޭންސް ކުރާ މީހެއްގެ އަދަބަކީ 20 އަހަރަށް ޖަލަށްލުމާއި އެކު ދެ ލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
އަލަށް ހުށައެޅި އިސްލާހުން ހާސިލްކުރަން ބޭނުންވާކަމަށް ބުނާ ކަންކަން
- ގާނޫނުގެ ދަށުން ކޮންޓްރޯލްކޮށްފައިވާ މަސްތުވާ އެއްޗެހީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަން ޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފުކުރުން.
- މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުން.
- މަސްތުވާތަކެއްޗަށް ދެވިހިފާފައިވަ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރަދަނާކުރުން.
- ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖައާކުރުން.
- މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދިނުން.
- ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖައާކުރުން.
- އެނޫންވެސް ގާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުން.
މަސްތުވާތަކެއްޗާއި ގުޅޭ ގާނޫނަށް ގެންނަ އިސްލާހުގެ ދަށުން ޑްރަގު ކޮންޓްރޯލް ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފައްދަން ޖެހެއެވެ. މި ކައުންސިލްގެ ބޭނުމަކީ މަސްތުވާތަކެއްޗާއި ގުޅިފައިވާ ކުށްކުށާއި މަސްތުވާތަކެތި ބޭނުންކުރުމާއި ގުޅިގެން ހިންގޭ ހަރުކަށި އަމަލުތަކާއި މަސްތުވާތަކތި ބޭނުންކުރުމުގެ ސަބަބުން އުފެދޭ ސިއްހީ މައްސަލަތައް ރައީސަށް އަންގާދިނުމާއި އެކަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ތައާރަފުކުރަންޖެހޭ ގައުމީ ސިޔާސަތަކީ ކޮބައިކަމާއި ހުރި ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމާއި އެ ބަދަލުތަކާއި ގުޅިގެން ރައީސަށް ލަފާ އެރުވުމެވެ.
13 މެމްބަރުން ހިމެނޭ މި ކައުންސިލްގައި ނައިބު ރައީސާއި ހޯމް މިނިސްޓަރާއި ޕީޖީއާއި ޕޮލިސް ކޮމިޝަނަރާއި ޗީފް އޮފް ޑިފެންސް ފޯސްއާ އިމިގްރޭޝަން ކޮންޓްރޯލާއާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ހިމެނެއެވެ.