އުފެދުމުގައި އަޑު އިވުމާއި ވާހަކަ ދެއްކުމުން މަހުރޫމުވެފައިވާ ނާއިޝްގެ ކީރިތި ޤުރުއާން ލިއުމާއި އިސްލާމިކް ކެލިގްރަފީ ދާއިރާއިން އާދަޔާ ހިލާފު ފަންނުވެރިކަން ދައްކާލީ އޭނާ ތައުލީމު ހާސިލުކުރަމުންދާ ޖަމާލުއްދީނުން އިއްޔެ އާއްމުކުރި ވީޑިއޯއަކުންނެވެ. ނާއިޝްގެ ހުނަރު ވެރިކަމަށް އެތައް ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ނާއިޝްގެ މި ދާއިރާއިން އޭނާއަށް ބޭނުންވާ އިތުރު ހުނަރު ދަސްކޮށް ދިނުމަށް މިނިސްޓްރީ އިން އެހިވާނެކަމަށެވެ.
އިސްލާމިކް ކެލިގްރަފީ ހެދުމަށް ބޭނުންވާ އެންމެހައި ޒަމާނީ ވަސީލަތްތައް ނާއިޝްއަށް ހޯދައިދޭނެކަމަށް އެ އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި މި ދާއިރާއިން އިތުރު ހުނަރު އޭނާއަށް ދަސްކޮށްދިނުމަށް ދާއިރާގެ ފަންނުވެރިޔަކު ހަމަޖައްސާ ދޭނެކަމަށްވެސް މިނިސްޓްރީން ބުނިއެވެ.
ނާއިޝް ސްކޫލް ނިމުމުން، ޤުރުއާން މަރުކަޒު ތެރޭގައި މި ހުނަރު އެހެން ކުދިންނަށް ދަސްކޮށްދިނުމަށް އޭނާއާ މަސައްކަތްތަކެއް ހަވާލު ކުރާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގައި މި އަންނަ އަހަރު ހުޅުވާ އައްޑޫ އިސްލާމިކް ސެންޓަރާއި ހިތަދޫ އިސްލާމިކް ސެންޓަރާއި ފުވައްމުލައް ސިޓީގެ ޤުރުއާން މަރުކަޒުގައި ނާއިޝްގެ އިސްލާމިކް ކެލިގްރަފީގެ ފަންނުވެރި ލިޔުންތައް ބަހައްޓަން ނިންމި ކަންވެސް އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ އިއުލާންކޮށްފައެވެ.