ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ނަމަކީ "ޕްރެކްޓިކަލް އިންސައިޓްސް: އިސްލާމިކް ފައިނޭންސް ފޯ އެޑިއުކޭޓާސް"އެވެ.
މި ސެޝަންގެ މަގުސަދަކީ ކިޔަވައިދިނުމުގައި ރާއްޖޭގެ ކޮންޓެކްސްޓަށް ގުޅޭނޭހެން އަދި މިހާރު ރާއްޖޭގައި އިސްލާމިކް ފައިނޭންސިން ފޯރުކޮށްދެމުންދާ އިންސްޓިޓިއުޝަންތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާ ކަންތައްތައް މުދައްރިސުންނަށް ކިޔައިދީ އެ މުދައްރިސުންގެ ފަރާތުން ދަރިވަރުންނަށް ރާއްޖޭގައި އިސްލާމިކް ފައިނޭންސާ ގުޅޭ އެންމެ އަދާހަމަ އަދި ރަނގަޅު މައުލޫމާތު ފޯރުވައިދިނުމެވެ.
އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވާހަކަފުޅު ދެއްކެވިއެވެ. ގަވަރުނަރުގެ ވާހަކައިގައި އިސްލާމިކް ފައިނޭންސިން ރާއްޖޭގައި ކުރިއެރުވުމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާކަމަށާއި މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަންވީ އިސްލާމިކް ފައިނޭންސަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށް ވިދާޅުވިއެވެ. ގަވަރުނަރު އިތުރަށް ވިދާޅުވީ ސްކޫލް ނިންމާ ދަރިވަރުންނަށް މި މައުލޫމާތު އެނގުން ވަރަށް މުހިންމު ކަމަށެވެ.
ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންގައި މުދައްރިސުންނަށް އާންމުކޮށް ދަރިވަރުންގެ ފަރާތުން އިސްލާމިކް ފައިނޭންސިންއާ ގުޅޭގޮތުން އަމާޒުވާ ސުވާލުތަކަށް މައުލޫމާތު ފޯރުކޮށްދެވުނެވެ. އިސްލާމިކް ބޭންކިން އާއި ކޮންވެންޝަނަލް ބޭންކިން އަދި އިންޝުއަރެންސް އަދި ތަކާފުލްގެ ތަފާތު ކިޔައިދީ ޕްރެކްޓިކަލީ ރާއްޖޭގައި އެ ޚިދުމަތްތައް ފޯރުކޮށްދެމުންދާ ގޮތްތައް ޓީޗަރުންނަށް ވަނީ އޮޅުން ފިލުވައިދެވިފަ އެވެ.
މި ޕްރޮގްރާމްގައި އެމްއެމްއޭގެ އިތުރުން، މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް، ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް، އެޗްޑީއެފްސީ، އަމާނާ ތަކާފުލް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި އަޔާދީ ތަކާފުލް އިން ބައިވެރިވެ މައުލޫމާތު ފޯރުކޮށްދިނެވެ.