
މިމަހުގެ 10 ވަނަ ދުވަހު ފާހަގަކުރި ގައުމީ މަސްވެރިންގެ ދުވަހު ރައީސް ޑރ.މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ގޮތަށް، ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން، އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން މިހާރުވަނީ ފަށާފައިވާކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުން "އެސްޓީއޯ ރޭޓް" ގައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ "ފަހި ހަކަތަ" ޕޯޓަލް މެދުވެރިކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު އެސްޓީއޯއިން ދަނީ ހަމަޖައްސަމުން ކަމަށް އެ ކުންފުނިން ބުނެއެވެ.
އަދި 2025 ގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމްކޮށް، "އެސްޓީއޯ ރޭޓް" ގައި ތެޔޮ ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށްވެސް ކުންފުނިން މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރެއެވެ.