
މަސްވެރިންގެ ދުވަހުގެ ޖަލްސާއާއި ރެހެންދި އެވޯޑް ހަފްލާ ފަސްކޮށްފައިވަނީ މާލޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެންނެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއަދު ހިނގައިދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅިގެން 44ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މާދަމާރޭ ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ހަފުލާ ފަސްކޮށްފައިވާ ކަމަށެވެ. ހަފުލާއަށް ދައުވަތު އަރުވައިފައިވާ ފަރާތްތަކަށް ހަފުލާ ބާއްވާނެ ދުވަހެއް ފަހުން ހިއްސާކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
މީގެ އިތުރުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން މިރޭ ބުނީ މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރެހެންދި އެވޯޑް ހަފްލާ ފަސްކޮށްފައިވާ ކަމަށެވެ.
މި އަހަރު އޮންނާނީ 10 ވަނަ ރެހެންދި އެވޯޑް ހަފްލާ އެވެ. މިނިސްޓްރީން ބުނީ މި ހަފްލާ ދެން ބާއްވާނެ ދުވަސް ފަހުން ހާމަ ކުރާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީއާއި އިންފްރަސްޓްރަކްޗާ މިނިސްޓްރީ ހިންގި އިމާރާތުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި، އެ އިމާރާތްވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.
ހެނދުނު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ހައުސިން މިނިސްޓްރީއާއި އިންފްރާސްޓަރަކްޗާ މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި, އެ ތިން މިނިސްޓްރީގެ މަސައްކަތްތައް މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓުމަކަށް އައިސްފަ އެވެ. އަދި މާލެ ސިޓީ ކައުންސިލުން ދޭ ހިދުމަތްތަކަށް ވެސް ވަނީ ބުރޫއަރައިފަ އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހުރި ބައެއް ގެތަކަށް ވެސް ދުމުގެ އަސަރުކޮށްފައިވެ އެވެ. އެގޮތުން 7 ގެއަކުން 29 މީހަކު ވަގުތީ ހިޔާއަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެ އެވެ.