
ހަންގޭރީގައި މިހާރު ކުރިއަށްދާ ވޯލްޑް އެކުއަޓިކްސް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކޮށް އާން، ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ރެކޯޑް އާކޮށްފައިވަނީ 00:52.29 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް އާން އެވެ. އެއީ، މިދިޔަ މަހު ހަންގޭރީގައި ބޭއްވުނު އެ ޤައުމުގެ 20 ވަނަ ނެޝަނަލް ޝޯޓްޓް ރެކް ޗެމްޕިއަންޝިޕް ގައި 00:53.45 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.
އަންހެނުންގެ ޝޯޓްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް ހަމްނާ އާ ކުރީ، މި އިވެންޓު 01:20.69 ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް ހަމްނާ އެވެ. އެއީ، މިދިޔަ މަހު ހަންގޭރީގައި ބޭއްވުނު އެ ޤައުމުގެ 20 ވަނަ ނެޝަނަލް ޝޯޓްޓްރެކް ޗެމްޕިއަންޝިޕް ގައި 01:22.65 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.
ފިރިހެނުންގެ ޝޯޓްކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑް ރިހާން އާކޮށްފައިވަނީ 02:17.93 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް ރިހާން އެވެ. އެއީ، މިދިޔަ އޮކްޓޫބަރު މަހު ބޭއްވުނު އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭއޯއެސްއައި) ޝޯޓްކޯސް އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސްގައި ވާދަކޮށް 02:21.75 އިން ރޭސް ފުރިހަމަކޮށްގެންނެވެ.