
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑީޑީ ވިދާޅުވީ ޓެކްސީ ޑްރައިވަރުންނާއި މަސްވެރިންނާއި ރިސޯޓު މުވައްޒަފުންނަށް ވެސް ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި ސަރުކާރުން ސީދާ ވިޔަފާރިތަކުގެ ތެރެއަށް ވަދެ، އާންމު ރައްޔިތުންގެ އާމްދަނީއަށް ހުރަސްއަޅަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑީޑީ ވިދާޅުވީ ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން ލިބެމުން އައި މުސާރައަށް ހުރަސްއަޅާފައިވާ ކަމަށާއި، މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ސަރުކާރުގެ ހެޔޮފުޅުކަމުން ދޭ އެއްޗެއްގެ ގޮތުގައި ސިފަކުރަން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ލައިނެއް އުފައްދަން އިއުލާންކޮށްފައިވާ ކަމަށާއި، ހައްޖު ކޯޕަރޭޝަނުން ގެސްޓްހައުސް ވިޔަފާރިއަށް ވަދެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑީޑީ ވިދާޅުވީ ސަރުކާރުން ހުރިހާ ވިޔަފާރިތަކަށް ވަދެގެން ކޮރަޕްޝަނުގެ އަމަލުތައް އިތުރުކުރުމަށް ރާވާފައިވާ ކަމުގެ ހެއްކަކީ އޭސީސީގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރުން ނަގާފައިވުން ކަމަށެވެ.