
އޭސީސީން ބުނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް ދިވެހި ފުލުހުންގެ ހިދުމަތަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް ކުރެއްވި އަމުރާ ގުޅިގެން، ފުލުހުންނާއެކު މަޝްވަރާކޮށް، އަވަސް ތަހުގީގެއް ކުރަމުންދާ ކަމަށެވެ.
މީގެ ކުރިން އޭސީސީން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު މީހުންގެ ލިސްޓުގެ މައްސަލަ ތަހުގީގުކޮށްފަ އެވެ. އަދި އަލުން ލިސްޓް އިސްލާހުކުރުމަށް ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފައިވެ އެވެ. އޭރު އޭސީސީން ބުނެފައިިވާ ގޮތުގައި ކުރީ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓުގެ %60 މީހުންގެ ޝަރުތުހަމައެއް ނުވެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މި މައްސަލަތަކާމެދު ހުރި ކަންބޮޑުވުންތައް ޕީޖީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މި ކަމަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ ކަމަކަށްވާތީ، މިއީ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަމެއްކަމަށް ޕީޖީ ދެކިވަޑައިގަންނަވާ ކަމަށް އެ އޮފީހުން ބުންޏެވެ.
އެ އަމުރު ކޮށްފައި ވަނީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބޭ ބާރުގެ ދަށުންނެވެ. އެގޮތުން، "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްގެ މަސައްކަތް ފެށުނީއްސުރެ މިއަދާ ހަމައަށް ހިނގާފައިވާ އެންމެހައި ކަންކަންމުގެ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގުމަށްފަހު، އެކަމުގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނެމަ، އެކަން ތަހުގީގު ކުރުމަށްފަހު ދައުވާކުރުމަށްޓަކައި އެ އޮފީހަށް ހުށަހެޅުމަށް، ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މައްޗަށް ޕީޖީ އައްބާސް ވަނީ އަމުރުކުރައްވާފަ އެވެ.
ބިންވެރިޔާ ސްކީމުން ނުހައްގުން ގޯތި ދީފައިވާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވީ، އެކަމާ ގުޅުންހުރި ލިޔެކިޔުންތަކެއް އާންމުވުމާ ގުޅިގެންނެވެ. އެގޮތުން ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ މުހައްމަދު ފަޒީލް ރަޝީދަށް ގޯއްޗެއް ދިނުމަށް ހަދައިފައިވާ އެއްބަސްވުމެއް ވެސް އާންމުވެފައިވެ އެވެ.
އެ މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ހިމެނޭހެން އެ ކުންފުނީގެ ވެރިން ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.
ފަޒުލްގެ ބޭބެ ފަޒީލް ވެސް މިއަދުން ފެށިގެން ވަނީ އެމްޑަބްލިއުއެސްސީގެ ޑީއެމްޑީގެ މަގާމުން ސަސްޕެންޑުކޮށްފަ އެވެ. އެއީ އޭނާ އަށް ތުހުމަތުވާ ފޯޖަރީގެ މައްސަލަ ތަހުގީގު ކުރާތީ އެޅި ފިޔަވަޅެކެވެ.
އެ ތަހުގީގު ފެށިއިރު، މައްސަލަ ބޮޑުވެފައިވާ ގޯތީގެ ވަށާފާރު ހުރީ ރާނަން ފަށައިފަ އެވެ. ގާތްގަނޑަކަށް ހަތަރު ފޫޓެއްހާ އުސްމިނަށް ވަނީ ވަށައިގެން ފާރު ރާނައިފަ އެވެ. އެ މަސައްކަތް ކޮށްފައި ވަނީ ވަރަށް ފަހުންކަން އެނގެ އެވެ. ރޭނުމަށް ބޭނުންވާ ބައެއް ސާމާނު ވެސް ގޯތިތެރޭގައި އެބަހުއްޓެވެ.