ads
ހައުސިން މިނިސްޓްރީ ހިންގާ ގްރީން އިމާރާތުގައި ރޯވި އަލިފާންގަނޑު
އަލިފާނުގެ ހާދިސާއާއި ބިންވެރިޔާ ސްކީމާ ގުޅުމެއް ނެތް: ފުލުހުން
ބިންވެރިޔާ ސްކީމުން ގޯތި ހައްގު ނޫން ފަރާތްތަކަށް ގޯތި ދޫކުރި މައްސަލައިގައި ހިންގަމުންދާ ތަހުގީގާއި، މިދިޔަ ހަފުތާގައި ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ދެމެދު އެއްވެސް ގުޅުމެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި، އަލިފާނުގެ ހާދިސާއާއި ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅުވޭކަށް ނެތެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ އެއްވެސް ލިޔެކިޔުމެއް ނުލިބޭނެ ކަމަށް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ގޮތަށް ނުހައްގުން ގޯތި ދިން ކަމަށް ތުހުމަތުކުރެވޭއިރު، އެޗްޑީސީން އެއްވެސް ހެއްކެއް ނައްތާލި ކަމަށް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މިހާތަނަށް ތަހުގީގަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިއްޔެ ވަނީ މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އެޗްޑީސީއަށް ވަދެ ބަލައި ފާސްކޮށްފައެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާނެ ގޮތާ ގުޅޭގޮތުން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވަނީ، ބިންވެރިޔާގެ އިތުރުން ގެދޮރުވެރިޔާގެ މައްސަލައިގެ ވެސް އަވަސް ތަހުގީގެއް ހިންގުމަށް އިރުޝާދު ދެއްވާފައެވެ. މި މައްސަލައިގައި ސޯޝަލް މީޑިއާގައި ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި، ހައުސިން މިނިސްޓްރީގެ އިމާރާތުގައި ރޯވި އަލިފާނުގެ ހާދިސާއަކީ ބިންވެރިޔާ ސްކީމާ ގުޅޭ ކޮރަޕްޝަނުގެ އަމަލުތަކެއް ފޮރުވުމަށް ގަސްތުގައި ރޯކޮށްލި ހާދިސާއެއް ކަމަށް ބުނާ ތުހުމަތުތަކެއް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް