ފުލުހުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭ މައްސަލައިގެ ތަހުގީގުގަށް ބޭނުންކުރެވިދާނެ ކަމަށް ބެލެވޭ އެއްވެސް މައުލޫމާތެއް ނުވަތަ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްވެސް ލިޔުމެއް އޮތްނަމަ ފުލުހުން ތައްޔާރުކޮށްފައިވާ ޕޯޓަލްއަށް ހިއްސާކުރުމަށް އެދޭ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ މައުލޫމާތު ހިއްސާކުރާއިރު އަމިއްލަ މައުލޫމާތު ހާމަނުކޮށް ނުވަތަ ތަހުގީގު ކުރާ ފަރާތްތަކުން ގުޅަން ބޭނުންވެއްޖެ ހާލަތުގައި ގުޅޭނެ މައުލޫމާތާއެކުވެސް ހިއްސާކުރެވިދާނެ ކަމަށެވެ.
މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހަޅުއްވާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނުހައްގުން ވިނަރެސް ފެލެޓެއް ހޯދި ކަމަށް ތުހުމަތުވާ އަދި އެޗްޑީސީއާ ގުޅޭ ތަހުގީގެއް ހިންގުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމުރު ކުރައްވައިފަ އެވެ.
ޕީޖީ އޮފީހުން ބުނީ ގެދޮރުވެރިޔާގެ ސްކީމްގެ ފޯމު ބަލައިގަތުމާއި ގޯއްޗާއި ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށެވެ.
އެއީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ ކަމަކަށް ވާތީ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަމެއް ކަމަށް ޕީޖީ ދެކެވަޑައިގަންނަވާ ކަމަށް އެ އޮފީހުން ބުންޏެވެ.
އެހެންކަމުން، ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލަށް ލިބޭ ބާރުގެ ދަށުން، "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" އާ ގުޅޭ ތަހުގީގެއް ހިންގަން ޕީޖީ އަމުރުކުރެއްވި އެވެ. މިކަމުގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭ ނަމަ އެކަން ތަހުގީގު ކުރުމަށް ފަހު، ދައުވާކުރަން ފޮނުވަން ވެސް ޕީޖީ އައްބާސް އަމުރު ކުރެއްވި އެވެ.
ޕީޖީން ވަނީ ތަހުގީގު ހިނގަމުންދާ ގޮތް، ކޮންމެ ހަފުތާއަކު އެއް ފަހަރު ޕްރޮސިކިއުޓާ ޖެނެރަލާ ހިއްސާކޮށް، މި މައްސަލައިގެ އަވަސް ތަހުގީގެއް ހިންގަން ވެސް އަމުރު ކުރައްވައިފަ އެވެ.
އެޗްޑީސީއަށް އަމާޒުކޮށް ކޮރަޕްޝަނާއި ހިޔާނާތުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އޭގެތެރޭގައި ހިމެނެނީ ބިންވެރިޔާ ސްކީމުގެ ދަށުން ކަމަށް ބުނެ އުސޫލުން ބޭރުން ބިންތަކެއް ދިނުމާއި ނުއަގުގައި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެންބަރުންނަށް ބިން ވިއްކުން އަދި މަޝްރޫއުތަކުގެ ނަމުގައި ގިނަ އަދަދެއްގެ ފައިސާ ދޫކުރުމެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތަކެއް ވަގަށް ވިއްކި މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަހުގީގު ކުރަމުން އަންނައިރު، މި މައްސަަލައިގައި އިއްޔެ ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ގޮތަށް 20 މީހުންގެ ޕާސްޕޯޓު ހިފަހައްޓައިފަ އެވެ.
މި 20 މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.
ބިންވެރިޔާ ސްކީމުން ނުހައްގުން ގޯތި ދީފައިވާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވީ، އެކަމާ ގުޅުންހުރި ލިޔެކިޔުންތަކެއް އާންމުވުމާ ގުޅިގެންނެވެ. އެގޮތުން ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ މުހައްމަދު ފަޒީލް ރަޝީދަށް ގޯއްޗެއް ދިނުމަށް ހަދައިފައިވާ އެއްބަސްވުމެއް ވެސް އާންމުވެފައިވެ އެވެ.
މައްސަލަ ބަލަމުން އަންނަނިކޮށް، މިއަދު ފަޒުލް ވަނީ ތަހުގީގަށް ފުރުސަތު ދޭންކަމަށް ބުނެ އިސްތިއުފާ ދެއްވާފަ އެވެ.