މި ނިންމުން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނެޝަނަލް އެސެމްބްލީގެ 11 ވަނަ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ފާސްކުރި ގަރާރު ހުށަހެޅުއްވީ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ.
ޑިމޮކްރެޓްސްއިން ބުނީ ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދުމާއި، ރާއްޖޭގެ އިގްތިސާދަށާއި މާލިއްޔަތަށް ގެއްލުން ބޮޑު އެތައް ކަމެއް ތަކުރާރުކޮށް ކުރަމުންދާތީ މި މަސައްކަތް ފަށަން ނިންމީ ކަމަށެވެ. އަދި ސަރުކާރުގެ ކޮރަޕްޝަނާއި ވައްކަން އިތުރުވަމުންދާތީ އާއި ގާނޫނުއަސާސީން ތަރުތީބުކޮށްފައިވާ ޑިމޮކްރެޓިކް ނިޒާމު ބަލިކަށިކުރަމުންދާތީ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ދަ ޑިމޮކްރެޓްސްއިން މި ނިންމުން ނިންމި އިރު، ދާދި ފަހުން އެމްޑީޕީން ވެސް ވަނީ ސަރުކާރު ޒިންމާދާރުކުރުވުމަށް އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތްކުރަން ނިންމާފަ އެވެ.