ވަގު ލިޔުންތަކެއް ހަދައިގެން ނުހައްގުން ބަޔަކަށް ގޯތި ދީފައިވާ މައްސަލަތަކެއް ފެންމަތިވި މައްސަލައާ ގުޅިގެން ނަޝީދު "އެކްސް" ގައި ވިދާޅުވީ މީގެ ކުރިން ވެސް ލިސްޓު ހަދައި ގޯތި ދޫކޮށްފައިވަނީ ނުހައްގު އެތައް ބަޔަކަށް ލިބޭ ގޮތަށް ކަމަށް ކުރިން ވެސް ވިދާޅުވެފައިވާނެ ކަމަށެވެ.
އަލަށް ފެންމަތި ވެގެން އުޅޭ ނުހައްގު ގޯތީގެ މައްސަލަތަކަކީ އެ ބޭއިންސާފަށް އިތުރުވި ބޮޅެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކު ގޯތި ލިބުނު ކަމަށް ހަދައިގެން ލިޔުންތަކެއް އުފެއްދި މައްސަލަތަކެއްގައި ފުލުހުން ގެންދަނީ ހައުސިން މިނިސްޓްރީއާއި އެޗްޑީސީގެ އިސްވެރިންގެ މައްސަލަތަކެއް ތަހުގީގުކުރަމުންނެވެ.
ތަހުގީގު ފެށިއިރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ހުންނެވި ފަޒުލް ރަޝީދު ވަނީ މިދިޔަ ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވާފަ އެވެ. ފަޒުލްގެ އިސްތިއުފާއާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިއްޔެގެ ވަގުތެއްގައި ވަނީ ހުޅުމާލެ ވުޖޫދަށް ގެނައި އިރު އެ މަސައްކަތުގައި އަމަލީގޮތުން އުޅުއްވި ކުރީގެ ވަޒީރު މައުރޫފް ޖަމީލް ހަމަޖައްސާފަ އެވެ.
ފުލުހުން ކުރިއަށް ގެންދާ ތަހުގީގާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައި ބަދަލާ ގުޅޭގޮތުންވެސް ނަޝީދު ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ފުލުހުން މިފަހަރު ރަނގަޅު ތަހުގީގެއް ހިންގާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މައުރޫފް ޖަމީލްވެސް ކަންކަން އިސްލާހު ކުރައްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.