ހައްޖަށް ފޮނުވުމުގައި، ކުރިން ނުދާ މީހުންނަށް އިސްކަންދޭން އާންމުންގެ ހިޔާލު ހޯދަނީ
އަލީ މިދުހަތު
25 ޑިސެމްބަރ 2024 - 10:45:46
ހައްޖަށް ފޮނުވުމަށް ކޮންމެ އަހަރަކު ރާއްޖެއަށް ލިބޭ ކޯޓާއިން، ފުރަތަމަ ފަހަރަށް ހައްޖަށް ދާ މީހުންނަށް އިސްކަން ދިނުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެދިވަޑައިގެންފި އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ފަރުލު ހައްޖު އަދާކޮށްފައި ތިބޭ ފަރާތްތަކަށް ދެވަނަ ހައްޖެއް ކުރެވޭނީ ހައްޖުކުރާތާ ފަސް އަހަރު ފަހުން ކަމުގައި ބައެއް ގައުމުތަކުގައި އުސޫލުތައް ހަދާފައި ހުންނަ ކަމަށެވެ.
މިއީ ފަރުލު -- ފުރަތަމަ ހައްޖުކުރަން އެދޭ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކުރާކަމެއް ކަމަށް ވިދާޅުވި އެވެ.
"މިފަދަ ކަމެއް ރާއްޖޭގައި ކުރުމާ މެދު ތިޔަބޭފުޅުންގެ [އާންމުންގެ] ހިޔާލުފުޅަކީ ކޮބައިތޯ،" އެކަމާމެދު އާންމުންގެ ހިޔާލަށް އެދިވަޑައިގެން މިނިސްޓަރު ކުރެއްވި ޕޯސްޓް ގައި ލިޔުއްވާފައިވެ އެވެ.
މި ޕޯސްޓަށް ޖަވާބު ދެމުން ގިނަ ބަޔަކު ވަނީ އެއީ ރަނގަޅު ހިޔާލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
ސައުދީގައި އުސޫލު އޮންނަ ގޮތުން ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ދެން ހައްޖުވުމުގެ ފުރުސަތު ލިބެނީ ފަސް އަހަރު ފަހުންނެވެ. މިސްރު ފަދަ ގައުމުތަކުގައި އެ ފުރުސަތު އޮންނަނީ އުމުރުން އެއް ފަހަރު އެވެ.
ހައްޖުގެ ފަރުލަކީ ކުޅަދާނަކަން ލިބިގެންވާ މީހާ އުމުރުން އެއް ފަހަރު އަދާކުރަން އޮތް އަޅުކަމެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް