ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ފަޒީލްގެ ފޯނު ހިފެހެއްޓީ މިއަދު ކަމަށެވެ. އެ މައްސަލައާ ގުޅިގެން ފަޒީލް މިވަގުތު ހުރީ މަގާމުން ސަސްޕެންޑްކޮށްފަ އެވެ.
ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލަ ފުލުހުންނާއި އޭސީސީ ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެ ތަހުގީގާއި ގުޅިގެން ގިނަ ބައެއްގެ ޕާސްޕޯޓު ވެސް ފުލުހުން ވަނީ ހިފަހައްޓާފަ އެވެ. އޭގެތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އާއި ފަޒުލްގެ ބޭބެ، ފަޒީލް ހިމެނެ އެވެ.
އެ މައްސަލަ ފެންމަތިވުމުން އެމްޑަބްލިއުއެސްސީ ވަނީ ފަޒީލް ސަސްޕެންޑުކޮށްފަ އެވެ. އަދި އެޗްޑީސީން ފަޒުލް ވެސް ސަސްޕެންޑުކުރި އެވެ. ފަޒުލް ސަސްޕެންޝަންގައި ހުންނަވައި ވަނީ ފުލުހުންނާއި އޭސީސީގެ ތަހުގީގަށް ފުރުސަތު ދިނުމަށް ކަމަށް ވިދާޅުވެ، އެޗްޑީސީގެ އެމްޑީ ކަމުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިސްތިއުފާ ދެއްވައިފަ އެވެ.
މި މައްސަލާގައި ފުލުހުން ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ފަޒުލްގެ ގެ ބަލައި ފާސްކޮށް، ބައެއް އިލެކްޓްރޯނިކް ސާމާނު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މިހާރު ކުރިއަށްދާ ބިންވެރިޔާ ސްކީމުގެ ތަހުގީގަށް ފަޒުލް ހިމެނޭހެން 20 ފަރާތެއްގެ ޕާސްޕޯޓު ފުލުހުން އެދިގެން ހިފަހައްޓާފައިވާއިރު، ކުރީ ސަރުކާރުގައި ބިންވެރިޔާ ސްކީމު ހިންގެވުމުގައި އެންމެ އިސްކޮށް ތިއްބެވި ހަތަރު ބޭފުޅުންގެ ޕާސްޕޯޓުވެސް ހިފަހައްޓާފަައިވެ އެވެ.