ޕީޖީން ބުނީ މިދިޔަ އަހަރު 44 މިލިއަން ރުފިޔާ ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލުމަށް ފަހު ފުލުހުންގެ ސަމާލު ކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލައަކީ ދިވެހި ދައުލަތާއި ރައްޔިތުންގެ އާންމު މަސްލަހަތު މަތީ ދަރަޖައަކަށް އޮތް ހައްސާސް މައްސަލައެއް ކަމަށް މި އޮފީހަށް ފެންނާތީ މައްސަލައަށް އިތުރު ސަމާލުކަމެއް ދެއްވައި، މައްސަލައަށް ޚާއްސަ ތަހުގީގު ޓީމެއް އެކުލަވާލައި، އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށް މިއަދު ފުލުހުންނަށް ދަންނަވާފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގައި ހިމެނޭ ފަރާތްތަކާ ގުޅޭ އެ ބާވަތުގެ އިތުރު ޕްރޮޖެކްޓެއްވާ ނަމަ، އެކަންކަން ވެސް އެ މައްސަލައިގެ ތެރެއިން ތަހުގީގު ކުރުމަށް ޕީޖީން ފުލުހުންނަށް އަންގާފައިވެ އެވެ.
އެ މައްސަލާގައި މީގެކުރިން މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމަކަށް ވަނީ އެންސީސީ އާއި އާސަންދަ އަދި އެޗްޑީސީގެ ބޭފުޅުން ވެސް ހާޒިރުކޮށްފަ އެވެ.
އެ މައްސަލާގައި ކޮމެޓީގައި އޭރު އަލީ ހަމީދު ވިދާޅުވީ އެ ކުންފުންޏަށް އެ މަޝްރޫއުގެ ބިން ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު 16 ގައި ކަމަށާއި އެތަނުގެ ޕަވާ އޮފް އެޓާނީ ލިބުނީ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އަދި މަސައްކަތް ލަސްވީ ބިމާއި ފެނާ ގުޅޭ މައްސަލަތަކެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އާސަންދައިގެ ހޮސްޕިޓަލެއް އެޅުމަށް ފުރަތަމަ އަލީ ހަމީދުގެ ނޯތު ކޯސްޓް ކޮންސްޓްރަކްޝަނާއެކު އާސައިންދައިން އެއްބަސްވުން ހެދީ 2016 ވަނަ އަހަރު އެވެ. ހަ ބުރީގެ އެ ހޮސްޕިޓަލު އެޅުމަށް ދެ ކުންފުނީގެ މެދުގައި އެއްބަސްވީ 61 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް އޭގެ އަނެއް އަހަރު މަޝްރޫއު މަޑުޖައްސައިލީ އެވެ.
ފަހުން އެމްޑީޕީ ސަރުކާރުގައި ނޯތު ކޯސްޓުގެ ފަރާތުން ސެޓްލްމެންޓް ކޮމެޓީއަށް ބަދަލު ހޯދަން އެދުމުން، ރައީސް އޮފީހުން ވަނީ އަލުން އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފަ އެވެ. ދެވަނަ ފަހަރު އެ މަސައްކަތް ހަވާލުކުރީ 147 މިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއުގެ އެޑްވާންސް ޕޭމެންޓުގެ ގޮތުގައި 2023 ވަނަ އަހަރު އާސަންދައިން ވަނީ ދެ ފަހަރެއްގެ މަތިން 44 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދީފަ އެވެ.