ads
ޑރ. މަންމޯހަން ސިންގް
ޑރ. މަންމޯހަން ސިންގް އަވަހާރަވުމުން ރައީސްގެ ތައުޒިޔާ
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ދަންނަވައިފި އެވެ.
Advertisement

ސިއްހީ ހާލުކޮޅު ގޯސްވެގެން، ދިއްލީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް މަންމޯހަން އަވަހާރަވީ އިއްޔެ އެވެ. އަވަހާރަވީއިރު އުމުރުން 92 އަހަރެވެ.

ރައީސް ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ މަންމޯހަން އަކީ އޭނަގެ ވެރިކަމުގެ ދައުރުގައި ދެކުނު އޭޝިއާގެ ގައުމުތަކުގައި ގުޅުން ބަދަހި ކުރުމަށް ވަރަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި 2011 ގައި މަންމޯހަން ރާއްޖެ ވަޑައިގެންނެވިކަން ވެސް ރައީސް ފާހާގަކުރެއްވި އެވެ.

ޑރ. ސިންގްގެ ލީޑަރޝިޕްގެ ދަށުން "ލުކް އީސްޓް ޕޮލިސީ" ހަރުދަނާ ކުރެއްވުމަށް ކުރެއްވި މަސައްކަތްތަކަކީ ދެކުނު އޭޝިއާ ސަރަޙައްދުގެ އެކި ކަންކޮޅުތަކުގައި ތަރައްގީއާއި އެއްބާރުލުން އިތުރުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ކަމެއްގެ ގޮތުގައި ރައީސް މުއިއްޒު ފާހަގަކުރައްވާފައިވެ އެވެ.

"އެ ސިޔާސަތު ހަރުދަނާ ކުރެއްވުމަށް ޑރ. މަންމޯހަން ސިންގް ގެންގުޅުއްވި ލީޑަޝިޕަކީ ދެކުނު އޭޝިއާ ސަރަހައްދުގެ އެކި ކަންކޮޅުތަކުގައި ތަރައްގީ އާއި ކުރިއެރުން އިތުރުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ކަމެއް،" ރައީސް ލިޔުއްވާފައިވެ އެވެ.

ރައީސް މުއިއްޒު މި ހިތާމަވެރި ދަނޑިވަޅުގައި މަންމޯހަން ސިންގްގެ އާއިލާއަށާއި، އިންޑިއާގެ ރައްޔިތުންނަށް ވަރަށް އިހުލާޞްތެރިކަމާއެކު ތައުޒިޔާ ދަންނަވާފައިވެ އެވެ.

ސިންހް، އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވީ 2004އިން 2014އަށެވެ. އެއީ ޖަވާހަރްލާލް ނެހްރޫ އާއި އިންދިރާ ގާންދީ އާއި މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފަހު، އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއެވެ.

އިދިކޮޅު އިންޑިއަން ނެޝަނަލް ކޮންގްރެސްގެ މެންބަރެއް ކަމަށްވާ ސިންހް ވަނީ 1982އިން 1985އަށް ރިޒާވް ބޭންކް އޮފް އިންޑިއާގެ ގަވަރުނަރުކަން ކުރައްވައި، 1991އިން 1996އަށް ފިނޭންސް މިނިސްޓަރުކަން ކުރައްވައިފަ އެވެ.

އިކޮނޮމިސްޓެއްގެ ގޮތުގައި މަގުބޫލު އުސޫލުތަކެއް ގެންގުޅުއްވި ސިންހް، 1990ގެ އަހަރުތަކުގައި އިންޑިއާއަށް މުހިންމު އިގުތިސާދީ އިސްލާހުތަކެއް ގެނެސްދެއްވި އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް