ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާގުޅޭ މައްސަލައިގެ ތަހުގީގަށް މައުލޫމާތު އެއްކުރުމަށް ޕޯޓަލްއެއް ގާއިމްކޮށް މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު ފުލުހުން ހުޅުވާލީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.
މިދިޔަ ހަފްތާ އާދިއްތަ ދުވަހު ފުލުހުން ވަނީ މި ތަހުގީގަށް ބޭނުން ކުރެވިދާނެ ކަމަށް ބެލެވޭ އެއްވެސް މައުލުމާތެއް ނުވަތަ ހެއްކެއް އޮތް ނަމަ، ހިއްސާކޮށްދިނުމަށް އެދި ހާއްސަ ޕޯޓަލްއެއް ގާއިމްކޮށްފަ އެވެ. މިއަދު ފުލުހުންގެ މީޑިއާއިން ވަނީ، އެ ޕޯޓަލްއަށް އައިސްފައިވާ މައުލޫމާތުގެ އަދާހަމަ މީޑިއާތަކާ ހިއްސާކޮށްފަ އެވެ.
ފުލުހުން ބުނީ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާގުޅޭ މައްސަލައިގެ ތަހުގީގުގަށް މައުލޫމާތު އެއްކުރުމަށް ގާއިމްކުރި ޕޯޓަލްއަށް މިހާތަނަށް ޖުމުލަ 16 ފަރާތަކުން މައުލޫމާތު ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 4 ފަރާތަކުން ގުޅުންހުރި ލިޔެކިޔުން ހިއްސާކޮށްފައިވާ ކަމަށެވެ.
މައުލޫމާތާއި ހެކި ހިއްސާކުރާއިރު އަމިއްލަ މައުލޫމާތު ހާމަނުކޮށް ވެސް ހުށަހެޅިދާނެ ކަމަށާއި ނުވަތަ ތަހުގީގު ކުރާ ފަރާތްތަކުން ގުޅަން ބޭނުންވެއްޖެ ހާލަތުގައި ގުޅޭނެ މައުލޫމާތާއެކުވެސް ހިއްސާކުރެވޭނެ ކަމަށް ފުލުހުން ބުނެ އެވެ.
މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހަޅުއްވާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ އަރުވާފަ އެވެ.
މި މައްސަލަގެ ތަހުގީގަށް ބައެއް މީހުން ސަސްޕެންޑްކޮށް އަދި ބައެއް މީހުންގެ ޕާސްޕޯޓު މިހާރު ވަނީ ހިފަހައްޓައިފަ އެވެ. މި މައްސަލައާ ގުޅިގެން ސަސްޕެންޑްކުރި މީހުންގެ ތެރޭގައި ހިމެނޭ އެމްޑަބްލިއުއެސްއީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ފަޒުލް ރަޝީދު ވަނީ މަގާމުން ފަހުން އިސްތިއުފާ ދެއްވައިފަ އެވެ. ފަޒުލްއަށް ކުރެވޭ ތުހުމަތު އޭނާ ދޮގު ކުރެ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުގައި މާލެ ރައްޔިތުންނަށް 9،003 ގޯތި ދޫކުރި އެވެ. ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިތައް ހުންނަނީ ހުޅުމާލޭ އާއި ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ. އެއީ ހުޅުމާލެއިން ދޫކުރާ 1407 ގޯއްޗާއި ގުޅީފަޅުން ދޫކުރާ 2219 ގޯއްޗާއި ގިރާވަރުފަޅުން ދޫކުރާ 5433 ގޯއްޗެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޭން ހުޅުވާލުމާއެކު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް މިދިޔަ އޯގަސްޓު 8، ގައި ނެރުނު ވަގުތީ ލިސްޓުގައި އޮތީ 15،046 މީހުންނެވެ. ސަރުކާރުން ނިންމާފައި ވަނީ ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފުލެޓް ދިނުމަށެވެ. ނަމަވެސް ކޮންޓްރެކްޓު ކުރެވި މަސައްކަތް ފަށާފައި ވަނީ 4000 ފްލެޓުގެ އެވެ.