ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖިމީ ކާޓާ އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ރައްދުކުރެއްވި އެވެ.
މިއަހަރުގެ އޮކްޓޯބަރު މަހު 100 އަހަރު ފުރުނު ޖިމީ ކާޓާ އަވަހާރަވީ ޖޯޖިއާ ސްޓޭޓްގެ ޕްލެއިންސްގައި ހުންނަ އެމަނިކުފާނުގެ ގެކޮޅުގައެވެ. ކާޓަރަކީ އެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް އެންމެ ދިގު އުމުރު ދެކެވަޑައިގެންނެވި ކުރީގެ ރައީސެވެ.
ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައި ކާމިޔާބު ހޯއްދެވި ކާޓާ އެމެރިކާގެ ރައީސްކަން ކުރެއްވީ 1977 އިން 1981 އަށެވެ. އެއީ އިގްތިސާދީ އަދި ޑިޕްލޮމެޓިކް ގޮތުން އެމެރިކާއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ދުވަސްވަރެކެވެ.