ads
ޑޮލަރު މާރުކުރުން ލާޒިމްކުރާ ބޭރުފައިސާގެ ގާނޫނަށް އަމަލުކުރަން ފަށައިފި
ފަތުރުވެރިކަމުގެ ދާއިރާގައި ހިދުމަތްދޭ ފަރާތްތަކުގެ އެކައުންޓުތަކަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ޖެހޭ ގޮތަށް އެކުލަވާލި ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފި އެވެ.
Advertisement

މި ގާނޫނު ހިންގައި ތަންފީޒުކުރުމުގެ މައި އިދާރާއަކީ، މޯލްޑިވްސް މަނިޓަރީ އޮތީރިޓީންކަމަށާއި، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، ގާނޫނަށް އަމަލުކުރަން ފަށާތާ 2 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހެދުމަށް ގާނޫނުގައި އޮތީ ލިޔެފަ އެވެ. 

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ފިޔަވައި ގަވާއިދު ނަންބަރު 2024/ޜ-91 (ބޭރު ފައިސާއާބެހޭ ގަވާއިދު) އާއި، ގާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ 24 ވަނަ މާއްދާގެ (ރ) އާއި (ބ)، އުވުނީ އެވެ.

މި ގާނޫނު ބުނާ ގޮތުން ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަން ވަނީ ގިންތިތަކަށް ބަހާލާފަ އެވެ. އެއީ "ކެޓެގަރީ-އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓް" އަދި "ކެޓެގަރީ-ބީ ޓޫރިޒަމް އެސްޓެބްލިޝްމަންޓް" އެވެ.

ކެޓެގަރީ-އޭގައި ހިމެނެނީ ރަޖިސްޓަރީކޮށްފައިވާ ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ޕްރައިވެޓް އައިލެންޑްތަކާއި އެނޫންވެސް ތަންތަނެވެ. މި ކެޓަގަރީން ހިދުމަތްދޭ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 އެމެރިކާ ޑޮލަރު މާރުކުރަންޖެހެއެވެ. ނުވަތަ މަހެއްގެ ތެރޭގައި އެ އެސްޓެބްލިޝްމަންޓަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަންޖެހެ އެވެ.

ކެޓެގަރީ-ބީގައި ހިމެނެނީ ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓް ހޮޓާތަކުގެ އިތުރުން ޓޫރިސްޓް ގެސްޓްހައުސްތަކެވެ. މި ކެޓަގަރީން ހިދުމަތް ހޯދާ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 25 އެމެރިކާ ޑޮލަރު މާރުކުރަންޖެހެ އެވެ. ނުވަތަ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަންޖެހެ އެވެ.

މި ގާނޫނުގައި ވާގޮތުން :

  • 12 އަހަރުން ދަށުގެ ކުދިން އަތުން ޑޮލަރު މާރުކުރަން ނުޖެހޭނެ 
  • ރިސޯޓަކަށް މާލީ ދަތިކަމެއް ދިމާވެއްޖެ ހާލަތުގައި 20 ޕަސެންޓަށްވުރެ މަދުން މާރުކުރަން އިހުތިޔާރު ލިބޭ

ރިސޯޓްތަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އެމްއެމްއޭގެ ގަވާއިދުގައި މަޖުބޫރު ކުރުމުން ޓޫރިޒަމް އިންޑަސްޓްރީގެ އިސް ބޭފުޅުން ވަނީ އެ ގަވާއިދަށް އަމަލު ކުރެވެން ނެތް ކަމަށް ބުނެފަ އެވެ. އެއީ އެ ގަވާއިދު އޭރު އޮތްގޮތުން ނުލިބޭ އާމްދަނީއެއް ބޭންކަށް މާރު ކުރަން ޖެހޭ ކަމަށް ވިދާޅުވެއެވެ.

މި މައްސަލައިގައި ވިޔަފާރިވެރިންނާއި ސަރުކާރާ ދެމެދު ހިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށް މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ އެ ގަވާއިދު ބަދަލު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޖެހޭނީ 500 ޑޮލަރު މާރު ކުރަން ކަމަށް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް