މި އެކްސިޑެންޓެއްގައި 15 މީހުން މަރުވެ އެތައް ބަޔަކު ޒަހަމް ވެފައިވާއިރު، އާ އަހަރާ ދިމާކޮށް ބޭއްވި އުފާފާޅުކުރުން ބޮޑު ބިރުވެރިކަމަކަށް ބަދަލުވިކަމަށް މަންޒަރު ކަމަށް އެ ސަރަހައްދުން ސީއެންއެން އަށް ވާހަކަ ދެއްކި މީހުން ބުންޏެވެ.
2025 ވަނަ އަހަރު ފެށުމުގެ އުފާ ފާޅުކުރާ މީހުން ޖަމާވެފައި އޮތް ފްރެންޗް ކުއާޓާގެ މެދުގައި، މެންދަމުން އަލިވެ 3:15 ހާއިރު ހިނގި މި ހާދިސާ ފެނުނު މީހުން ބުނީ ޓްރަކު ދުއްވި މީހާ މަސައްކަތްކުރީ ވީހާވެސް ގިނަ ބައެއް ގައިގައި ޓްރަކުން ޖެއްސުމަށް ކަމަށެވެ.
އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ހާމަކުރި ގޮތުގައި ޓްރަކް ދުއްވަން ހުރީ އެމެރިކާގެ ޓެކްސަސްއަށް ނިސްބަތްވާ ޝަމްސުއްދިން ޖައްބާރު، 42 އެވެ.
ޝަމްސުއްދީން ޑްރަކް ދުއްވިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ނުބެލެވޭ ކަމަށް ނިއު އޯލެންސްގެ ފުލުހުން ބުންޏެވެ.
މީހުންގެ ގައިގައި ޓްރަކް ޖައްސަމުން ދަނިކޮށް ވެހިކަލެއްގައި ޖެހި ހުއްޓުމުން، ޝަމްސުއްދީން ވަނީ އޭނާ އަތުގައި އޮތް ބަޑިން ފުލުހުންނަށް ހަމަލާ ދިނެވެ. ރައްދުގައި ފުލުހުން ދިން ހަމަލާގައި އޭނާ މަރައިލި އެވެ.
ފުލުހުންގެ ސުޕްރިންޓެންޑެންޓް އޭން ކިރްކްޕެޓްރިކް ޖައްބާރަކީ "ޓެރަރިސްޓެއް" ގެ ގޮތުގައި ސިފަކޮށްފައިވާއިރު، އެފްބީއައި އިން ބުނެފައި ވަނީ "ވެހިކަލްގައި އައިއެސްގެ ދިދައެއް ހުރި" ކަމަށެވެ.
"ޓެރަރިސްޓް ޖަމާއަތްތަކާ އޭނާއާ ގުޅުން ހުރި މިންވަރު ދެނެގަތުމުގެ މަސައްކަތް އެފްބީއައި އިން ދަނީ ކުރަމުން،" އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެފްބީއައި އިން ބުނީ މިކަން ޖައްބާރާ ހިސާބުން އެކަނި ނިމުނީ ކަމަށް އަދި ބަލައިގެން ނުވާނެ ކަމަށާއި އެހެންވެ އިތުރު ބަޔަކު އުޅޭތޯ ބަލަމުން އަންނަ ކަމަށެވެ. އެފްބީއައި އިން ބުނީ އަމިއްލައަށް ހަދާފައި އޮތް ދެ ބޮމެއް ވެސް ޓްރަކުން ފެނުނު ކަމަށެވެ.
މި ހަމަލާ ދިން އެމެރިކާގެ ރައްޔިތެއްކަމުގައިވާ ޝަމްސުއްދިން ޖައްބާރު، 42، އާއި ގުޅޭ ގޮތުން ޕެންޓަގަން އިން ބުނީ ޖައްބާރު 2007 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް އަސްކަރިއްޔާގައި ހިއުމަން ރިސޯސް ސްޕެޝަލިސްޓެއްގެ އިތުރުން އައިޓީ ސްޕެޝަލިސްޓެއްގެ ގޮތުގައި އަދި އޭގެ ފަހުން 2020 ވަނަ އަހަރާ ހަމައަށް އަސްކަރިއްޔާގެ ރިޒާވްގައި މަސައްކަތް ކޮށްފައި ކަމަށެވެ.