ރާއްޖެޓީވީގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓުގައި 2024 ވަނަ އަހަރުގެ ބަޖެޓާ އަޅާބަލާއިރު ހަމައެކަނި ތަފާތުވަނީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކުގެ ތަފްސީލް ނެތުން ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓަކީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި، އޭގެ ތެރެއިން ޕީއެސްއައިޕީއަށް 12.4 ބިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށް ލަފާކޮށްފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
އަމީރު ވިދާޅުވި ގޮތުގައި 2024 ވަނަ އަހަރު 2023 އަށް ވުރެ ހިލޭ އެހީ އާއި އާމްދަނީ އިތުރުވެފައިވީ ނަމަވެސް، ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފައެވެ. އަދި ރަށްތަކުގައި އާ މަޝްރޫއުތަކެއް ނުފެށި، ސަރުކާރުން ކުރަމުންދަނީ ހަމައެކަނި ނިމިފައިވާ މަޝްރޫއުތަކުގެ ރިބަން ކެނޑުން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.