
މި ދަތުރުފުޅަކީ ޔޫއޭއީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ޝެއިކް އަބްދުﷲ ބިން ޒާޔެދް އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރައްވާނެއެވެ. އަދި މުސްތަގުބަލުގައި ދެ ގައުމުން ގުޅިގެން މަސައްކަތްކުރެވިދާނެ އިތުރު ދާއިރާތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރު ހަލީލްގެ މި ދަތުރުފުޅުގައި ޔޫއޭއީ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާ، ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް އަބްދުﷲ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ބައިވެރިވެވަޑައިގަންނަވައެވެ. މިނިސްޓަރު ޔޫއޭއީއަށް ވަޑައިގެންފައިވަނީ އިންޑިއާއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހުގަ އެވެ.