ads
ދީނީ އިލްމުވެރިންގެ ތަޅާފޮޅުން؛ ނުރަނގަޅު އަސަރު ގައުމަށް!
ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކެވެ. އިސްލާމް ކަންމަތީގައި މިޤައުމު އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. މިވީ މުއްދަތުގެ ތެރޭގައި ރާއްޖޭގައި އެތައް ބޮޑެތި އިލްމުވެރިންނެއް ފެނިގެން ހިނގައްޖެ އެވެ.
ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމް ގައުމެކެވެ. އިސްލާމް ކަންމަތީގައި މިގައުމު އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. މިވީ މުއްދަތުގެ ތެރޭގައި ރާއްޖޭގައި އެތައް ބޮޑެތި އިލްމުވެރިންނެއް ފެނިގެން ހިނގައްޖެ އެވެ.

ރާއްޖޭގެ ރައްޔިތުންނަކީ މިވީތަނަށް ދީނީ އިލްމުވެރިންނަށް ނުހަނު ލޯބި ކުރަމުން އައި ބަޔަކެވެ. އަދި ރައްޔިތުންގެ އިހުތިރާމް އެފަރާތްތަކަށް ލިބިގެން ގޮސްފައިވެ އެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ދިވެހިންގެ ތެރޭގައިވެސް ކަންބޮޑުވާންޖެހޭ ވަރުގެ ކަންކަން އަންނަނީ ފާހަގަކުރެވެމުންނެވެ. އަދި އެކަންކަމަކީ ބޮޑު މަންޒަރަށް ބަލާއިރު ރާއްޖޭގެ މުސްތަގުބަލަށްވެސް އަދި ދިވެހި ރައްޔިތުންނަށް ވެސް ރަނގަޅު ކަންކަމުގެ ގޮތުގައި ނުފެނެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ދީނީ އިލްމު ހާސިލުކޮށްގެން ތިބި ދިވެހި އެތައް ދަރިންނެއް އެބަތިއްބެވެ. އެފަރާތްތަކަށް ސަރުކާރުގެ ހުއްދަ ލިބިގެން ރާއްޖޭގެ އެކި ރަށްރަށުގައި ދީނީ އިލްމު ފެތުރުމުގެ ހުއްދަ އޮވެ އެވެ. އަދި އެފަރާތްތަކުން އަންނަނީ ދީނުގެ އިލުމު ރައްޔިތުންނަށް ފޯރުވެސް ކޮށްދެމުންނެވެ. ދީނުގެ އެންގެވުންތައް ރައްޔިތުންނަށް ހަދުމަކޮށްދެމުންނެވެ.

އިލްމުވެރިންގެ މެދުގައި ތަޅާފޮޅުން

މިފަހަކުން ގިނަ ބަޔަކަށް ފާހަގަވަމުން އައިސްފައިވާ އެއްކަމަކީ، ރާއްޖޭގައި ހަރަކާތްތެރި ވަމުން އަންނަ އެކި ދީނީ އިލްމުވެރިން އެއްބަޔަކު އަނެއް ބަޔަކަށް ނުރައްކާތެރި ބޮޑެތި ތުހުމަތުތަކެއް ކުރާ ކަމެވެ. މިފަދައިން ދީނީ އިލްމުވެރިން އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކުރަން ފެށީ ރާއްޖޭގައި ދީނީގޮތުން ހަރުކަށި ފިކުރު ފެތުރޭކަމަށް ކަމާޅުން ހުރި ފަރާތްތަކުން ފާހަގަކުރުމާއި ގުޅިގެންނެވެ.

ދީނީ ހަރުކަށި ފިކުރު ތަކަށް ތަބާވާ މީހުން ރާއްޖޭގައި އެކި މީހުން މެރުމާއި، ވައްކަން ކުރުން ފަދަ ޖިނާއީ ކުށްތަކަށް އަރައިގަންނަ ވާހަކަ ފާހަގަކުރަނީ ސަލާމަތީ ހިދުމަތްތަކުންނެވެ. ރާއްޖެއިން ބޭރުގައި ހިނގާ އެކި އެކި ހަނގުރާމަތަކަށް ދިވެހިން ފޮނުވުމާއި، ރާއްޖޭގައި މުޖުތަމައާ ވަކިވެގަނެގެން އުޅޭ ކަމުގެ ތުހުމަތުތަކެވެ.

ވަކިޖަމާއަތް ހަދައިގެން ނަމާދު ކުރުމާއި، އަންހެނުންނާއި ކުޑަކުދިން ގެއިން ނުނެރެ، ކިޔެވުމުން މަހުރޫމު ކޮށް ސިއްހީ އަޅާލުން ނުދޭކަމަށް އެމީހުންގެ މައްޗަށް ތުހުމަތުކުރެވެ އެވެ. ޅަ އުމުރުގައި އަންހެން ކުދިން ކޯޓުން ބޭރުން "ކައިވެނި ކުރީ" ކަމަށް ބުނެ ބައެއްގެ "ޖިންސީ ޝިކާރައި"ގެ ދަށުވެ އެކުދިން ވިހާ ވާހަކަ އެވެ.

މިފަދަ މައްސަލަތައް ގައުމުގެ ސަލާމަތީ ޚިދުމަތްތަކުން ފާހަގަކުރަމުން އަންނައިރު، ކަންބޮޑުވާންޖެހޭ ކަމަކީ މިފަދަ އެކި ތުހުމަތުތަކުގައި ދީނީ އިލްމުވެރިން އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުގެ އިނގި ދިއްކުރާކުރުމެވެ.

މިގޮތުން ފަހުގެ ތާރީހެއްގައި ދީނީ އިލްމުވެރިން ބޭއްވި ދެ ނޫސްވެރިންގެ ކޮންފަރެންސެއްގައި ވަނީ އެއް ބަޔަކު އަނެއް ބަޔަކަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. ކޮންމެ ބަޔަކުވެސް އަނެއް ބައެއްގެ ބޮލުގައި އަޅުވާފައިވަނީ ހަރުކަށި ފިކުރުގެ ލަގަބެވެ. އަދ އެއަށްފަހު ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ވެސް އެއް ބަޔަކު އަނެއް ބަޔެއްގެ ބޮލުގައި ބޮޑެތި ތުހުމަތުތަކެއް އަޅުވާފައިވެ އެވެ.

ނުރަނގަޅު އަސަރު ރައްޔިތުންނާއި ގައުމަށް

މިއިން ކޮންމެ ދީނީ އިލްމުވެރިންގެ ވާހަކަތައް ގަބޫލުކުރާ ރައްޔިތުންތަކެއް ތިބެ އެވެ. އިލްމުވެރިންގެ މެދުގައި ހިނގާދާ ބަހުގެ ހަމަލާތައް މައްސަލަ އަކަށް ވަނީ އެމީހުންގެ އެވާހަކަތައް ގަބޫލުކުރާ ރައްޔިތުންގެ މެދުގައި އެކި އިލްމުވެރިންނާއި މެދު ނަފުރަތުގެ ނަޒަރުން ބެލެވެން ފެށުމެވެ. ރައްޔިތުންގެ މެދުގައި އިލްމުވެރިންގެ އަގު ވެއްޓި ރައްޔިތުންގެ ނަފުރަތު އެކި އިލްމުވެރިންނަށް އަމާޒުވުމެވެ.

އިލްމުވެރިންގެ މެދުގައި ހިނގާދާ މިކަންކަމުގެ ނުރަނގަޅު އަސަރު ރައްޔިތުންނަށް މިފަދަ ގޮތަކަށް ކުރުމުން އޭގެން ކުރެހެނީ ނުބައި މަންޒަރެކެވެ. ފެންނަނީ ރައްޔިތުންގެ ހިތުގައި ދީނުގެ ނަމުގައި އިލްމުވެރިންނާއި މެދު ރުޅިވެރިކަން އުފެދޭ މަންޒަރެވެ.

މިކަންކަމަށް ހައްލެއް ނުހޯދިއްޖެ ނަމަ، އަދި އިލްމުވެރިން މިކަމުގައި އެއްގަލަކަށް ނާރާނަމަ މި ގައުމު ނުބައި އަނދަވަޅަކަށް ވެއްޓިދާނެ އެވެ. މީގެ ކުރިން ދުވަހަކުވެސް ދިވެހިން ދެކެފައި ނުވާފަދަ އަނދިރި ދުވަސްތަކެއް ދެކެން ޖެހިދާނެ އެވެ. މިކަމުގެ ގެއްލުން ނުހަނު ބޮޑު ވާނެ އެވެ.

މި ދަނޑިވަޅުގައި ދީނީ އިލްމުވެރިން ގައުމީ މަސްލަހަތު އިސްކުރުން މުހިއްމެވެ. ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ދެމެހެއްޓުމަށް އިލްމުވެރިން ކުޅެންޖެހޭ ރޯލު ބޮޑެވެ. ގައުމު ރައްކަލުގެ މަގަށް ގެންދެވެން އޮތީ ދީނުގެ ހެޔޮ ގޮތުގައި ކުރިއަށް ގޮސް، ހަރުކަށި ފިކުރުތަކުން ގައުމު ސަލަމާތް ކުރުމަށް މަސައްކަތް ކޮށް އިލްމުވެރިން އެކަށްޗަކަށްވެ ރައްޔިތުންނަށް ނަމޫނާ ދެއްކުމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް